ހަބަރު

މީހުން އަރުވާ ނުލެވޭނެ ރަށްތައް ކަނޑައަޅައި ގަވާއިދު ގެޒެޓްކޮށްފި

Apr 26, 2015

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ކަރެކްޝަނަލް ސާވިސް އިން ބުރާސްފަތި ދުވަހު ގެޒެޓްކުރި ގަވާއިދުގައިވާ ގޮތުން މާލެ އަށް އަދި ޖަލުތައް ހުންނަ ރަށްތަކަށް މީހުން އަރުވައެއް ނުލެވޭނެ އެވެ. މީގެ އިތުރުން އަރުވާލެވޭ މީހާ ރަށްވެހިވެފައިވާ ރަށް ނުވަތަ އުފަން ރަށް ނުވަތަ އެ މީހެއްގެ ދިރިއުޅުން ހަމަޖައްސާފައިވާ ރަށަކަށް ވެސް އަރުވައެއް ނުލެވޭނެ އެވެ.

ގެޒެޓްކުރި ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ގަވައިދުގައި ބުނާ ގޮތުން، ކުށް ކުރި އިރު ހުރި ރަށަށް ވެސް އެ މީހަކު އަރުވައެއް ނުލެވޭނެ އެވެ. ކުށުގެ ސަބަބުން އަނިޔާ ލިބުނު މީހާ ރަށްވެހިވެފައިވާ ރަށް ނުވަތަ އުފަން ރަށް ނުވަަތަ އެ މީހެއްގެ ދިރިއުޅުން ހަމަޖައްސާފައިވާ ރަށަށް ވެސް އަރުވާ ނުލެވޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި ފުލުހުންގެ ހިދުމަތް ގާއިމުވެފައި ނެތް ރަށްރަށަށް ވެސް މީހުން އަރުވާ ނުލެވޭނެ ކަމަށާއި އެއް މައްސަލައެއްގައި ހިމެނޭ ދެ މީހަކު އެއް ރަށަކަށް ވެސް އަރުވާ ނުލެވޭނެ ކަމަށް ގަވައިދުގައިވެ އެވެ.

މި ގަވައިދުގައި، ގޭބަންދުގެ ހުކުމް އަންނަ މީހުންނާއި އަރުވާލުމުގެ ހުކުމް އަންނަ މީހުންނަށް ހުކުމް ކުރުމާ ހަމައިން ފެށިގެން އެ މީހެއްގެ ހުކުމް ތަންފީޒުކުރަން ފެށުމާ ހަމަ އަށް އަމަލުކުރަންޖެހޭ ގޮތާއި ހުކުމް ތަންފީޒުކުރާއިރު އަމަލުކުރާނެ އުސޫލުތައް ވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން، މި ހުކުމްތައް ތަންފީޒުކުރާ މީހާ އަށް މަނާ ކަންކަމާއި ހުއްދަ ހޯދަންޖެހޭ ކަންކަން އަދި އެ މީހާގެ އުޅުން މޮނިޓަކޮށް ބެލެހެއްޓުމުގެ ކަންކަން އޮންނަންވީ ގޮތް ވެސް ބަޔާންކޮށްފައިވެ އެވެ.