ހަބަރު

ސައިކަލް މަޑިދަށުން ވައްކަން ކުރާ ވަގުން ދަނީ އިތުރުވަމުން: ޕޮލިސް

Apr 26, 2015

ސައިކަލް މަޑިދަށުން ވައްކަން ކުރުމުގެ މައްސަލަތައް މާލޭގައި އިތުރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ސައިކަލްތަކުގެ މަޑިދަށުން ވައްކަންކުރާ މައްސަލަތައް އެ އިދާރާއަށް ހުށަހަޅާ މިންވަރު މިދުވަސްވަރު އިތުރުވެފައިވާ ކަމަށާއި އެކަމަށް އާންމުން ސަމާލުވެ ހޭލުންތެރިވާން އިލްތިމާސް ކުރާ ކަމަށެވެ.  

ވައްކަމާއި ފޭރުމުގެ މައްސަލަތައް ވެސް އިތުރުވެފައިވާ މި ދަނޑިވަޅުގައި ފުލުހުން ބުނީ ސައިކަލް މަޑިދަށުން ވައްކަން ކުރާ މީހުން އެންމެ ބޮޑަށް އަމާޒުކޮށްފައި ވަނީ މާލޭގައި ކުޅިވަރު ކުޅުމަށް ޚާއްޞަކޮށްފައިވާ ސަރަހައްދުތައް ކަމަށެވެ. އަދި ބުނީ އެފަދަ ސަރަހައްދުތަކުގައި ހުންނަ ސައިކަލްތަކުގެ މަޑިދަށުގައި ރައްކާކޮށްފައި ހުންނަ އަގު ބޮޑެތި ތަކެތި ވަގަށް ނަގާ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

"... އެގޮތަށް ސައިކަލުގެ މަޑިދަށުގައި މޯބައިލް ފޯނާއި ޓެބްލެޓްފަދަ ތަކެއްޗާއި ފައިސާއާއި ގަހަނާ އަދި މިނޫންވެސް އަގު ބޮޑު ތަކެތި ނުބެހެއްޓުމަށް ރައްޔިތުންނަށް އިލްތިމާސްކުރަމެވެ. އޭގެ އިތުރުން، އަގު ބޮޑު އެއްޗެއްނެތް ނެތަސް ވޮލެޓް ނުވަތަ ލިޔެކިޔުންފަދަ ތަކެތި ސައިކަލުތަކުގެ މަޑިދަށުގައި ބެހެއްޓުމަކީ ރައްކާތެރިކަމެއް ނޫންކަންވެސް މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ." ފުލުހުންގެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

ފުލުސް އޮފީހުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިއަ ހަފުތާ ބަންދުތެރޭގަަައި ސައިކަލް މަޑިދަށުން ވައްކަން ކުރި ހަތް މައްސަލައެއް ރިޕޯޓްކޮށްފައި ވެއެވެ.  ދުވާލަކު އެފަދަ ތިން މައްސަލަ ހުށަހަޅާ ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.

މަޑިދަށުން ވައްކަން ކުރާ މީހުން ގިނަ އަދަދަކަށް މޮބައިލް ފޯނާއި އެހެނިހެން ސާމާނު ވަގަށް ނަގާފައިވާ ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން އެ އިދާރާއިން މިއަދު ބުނީ ކޭޝް ކާޑާއެކު ޕިން ނަމްބަރު ވޮލެޓަށް ބާއްވާފައި އޮތުމުގެ ސަބަބުން އެ ފަދަ ވަސީލަތްތައް ނާޖާއިޒްގޮތުގައި ބޭނުންކުރާ މައްސަލަތައް ވެސް މިހާރު ހުށަހަޅަމުންދާ ކަމަށެވެ.

ސައިކަލް މަޑިދަށުން ވައްކަން ކުރުމަކީ މާލޭގައި ކުރިންސުރެ ހިނގާ ކަމެކެވެ.