ހަބަރު

"ދަ ލެގަސީ" އިން ހުސައިން ޔީ ގެ ދަރުސެއް ބާއްވަނީ

Oct 21, 2017

ޕީސް ފައުންޑޭޝަން އިން ސިލްސިލާކޮށް ކުރިއަށް ގެންދާ "ދަ ލެގަސީ" އިވެންޓް، އަންނަ ޑިސެމްބަރު މަހު ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށާއި އެ އިވެންޓްގައި ދަރުސް ދެއްވާނީ މަޝްހޫރު ދީނީ އިލްމުވެރިޔާ ހުސައިން ޔީ ކަމަށް އެ ފައުންޑޭޝަނުން ބުނެފި އެވެ.

ޕީސް ފައުންޑޭޝަނުގެ ދައުވަތަށް ޑިސެމްބަރު މަހުގެ 25 އިން 30 އަށް މެލޭޝިއާގެ ދީނީ އިލްމު ވެރިޔާ ހުސައިން ޔީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި ޑިސެމްބަރު މަހުގެ 28 އަދި 29 ގައި ލެގަސީ އިވެންޓް އޮންނާނެ ކަމަށެވެ. އެ އިވެންޓުގައި ހުސައިން ޔީ ތަގުރީރު ކުރައްވާނެ ކަމަށާއި ޒުވާނުންނަ ހާއްސަ ހަރަކާތްތަކާއި ވޯކްޝޮޕެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ފައުންޑޭޝަނުން ބުންޏެވެ.

ޕީސް ފައުންޑޭޝަނުން ސިލްސިލާކޮށް ކުރިއަށްގެންދާ ދަ ލެގަސީ އިވެންޓްގައި މިދިޔަ ޖުލައި މަހު ބޭއްވި އިވެންޓްގައި ދަރުސް ދެއްވީ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް އެވެ.

މެލޭޝިއާގެ ޗައިނީސް ބުޑިސްޓް އާއިލާއަކަށް އުފަން ހުސައިން ޔީ އަކީ 60 ގެ އަހަރުތަކުގެ ފަހުކޮޅުގައި އިސްލާމްވެ ވަޑައިގެން ސަައޫދީ އަރަބިޔާގެ އިސްލާމިކް ޔުނިވާސިޓީ އޮފް މަދީނާއިން ހަދީސް އިލްމު އުގެނިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ހުސައިން ޔީ އަކީ މެލޭޝިއާގައި ފުޅާދާއިރާއެއްގައި ހަރަކާތްތައް ހިންގާ "އަލް-ޚާދިމް" ގެ ފައުންޑަރު އަދި ރައީސް އެެވެ. މީގެ ކުރިން ވެސް ރާއްޖެ ވަޑައިގެން ދަރުސް ދެއްވެވި އެވެ.