ހަބަރު

ދިއްގަރު ބައި އިލެކްޝަންގައި ވާދައެއް ނުކުރާނަން: މޫސާ ނަސީރު

ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި، މ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރު އަމިއްލަ ގޮތުން ވެސް އަދި އެ ނޫން ހައިސިއްޔަތަކުން ވެސް އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

މޫސާ ނަސީރު އަމިއްލަ ގޮތުން ވާދަ ކުރައްވަން ވިސްނާ ކަމަށް ބުނެ ވާހަކަތައް ފެތުރެމުން ދަނިކޮށް މިއަދު އޭނާ "އަވަސް" އަށް ވިދާޅުވީ، ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނަ އިރު، އެ ޕާޓީގެ މެންބަރުން ނިންމި ނިންމުމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ޕާޓީގެ ޕްރައިމަރީގައި ބަލިވުމުން އަމިއްލަ ގޮތުން ނިކުތުމަކީ އެންމެ ރަނގަޅު އުސޫލެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

"ސައިލެންޓްކޮށް އަޅުގަނޑު ހުންނަން މި ވިސްނަނީ. އަޅުގަނޑަށް ސަޕޯޓް ކުރާ ބަޔަކު ކިތަންމެ ވަރަށް އެދުނަސް އަޅުގަނޑު ނިންމައިފިން އިންތިހާބުގައި ވާދަ ނުކުރާން،" މޫސާ ނަސީރު ވިދާޅުވި އެވެ.

އޭނާ ޕީޕީއެމްގެ ޕްރައިމަރީން ބަލިވީ، އެ ޕާޓީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރީޝް މައުމޫނާ ވާދަކޮށްގެންނެވެ. އެކަމާ ގުޅިގެން މޫސަ ނަސީރަށް ސަޕޯޓް ކުރާ ޒުވާނުންތަކެއް ގެންދިޔައީ އެ ގޮޑިއަށް ވާދަ ކުރުމަށް އެދި ޕެޓިޝަނެއް ތައްޔާރު ކުރަމުންނެވެ. އެކަމާ ގުޅިގެން ނަސީރު އިއްޔެ ވިދާޅުވެފައި ވަނީ އެކަމާ އަދި އެއްޗެއް ބުނެވެން ނެތް ކަމަށެވެ.

ޖޫން ހަ ވަނަ ދުވަހު ބާއްވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓް ދޭނެ ބޭފުޅެއް ކަނޑައެޅުމުގެ ޕްރައިމަރީ މާދަމާ އޮންނާނެ އެވެ. ދިއްގަރު ދާއިރާ އިންތިހާބަށް ކުރިމަތިލުމަށް އަންނަ އަންގާރަ ދުވަހުގެ ކުރިން ފޯމް ހުށަހަޅަން ޖެހެ އެވެ.

ދިއްގަރު ދާއިރާގެ ގޮޑި ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި، އަހުމަދު ނާޒިމްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.