ވިޔަފާރި

އުރީދޫއިން އެމްޕީއެލްގެ ބަނދަރުތައް ގުޅާލަނީ

އުރީދޫގެ ހިދުމަތްތައް މެދުވެރިކޮށް އެމްޕީއެލްގެ ބަނދަރުތައް ގުޅާލުމަށް އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ. އަދި އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާން އެވެ. އެއްބަސްވުމުގެ ދަށުން އެމްޕީއެލްގެ ޕޯޓްތައް ލީޒްޑް ލައިނާއި ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) މެދުވެރިކޮށް ގުޅައިދެވިގެންދާނެ އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ހަލީމް ވިދާޅުވީ، މާލެ އާއި ރާއްޖެ ތެރޭގެ ރަށްތަކުގައި އެމްޕީއެލްގެ ޕޯޓްތައް ގާއިމް ކޮށްގައިވާ ކަމަށާއި އެއްބަސްވުމުގެ ދަށުން އެ ހުރިހާ ޕޯޓްތަކެއް އެއް ނެޓްވޯކް އަކުން ގުޅާލެވިގެންދާނެ ކަމަށެވެ. އަދި އެކަމުން ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ހަލީމް ވިދާޅުވީ، އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީ އާއި ފުވައްމުލަކާއި ލ. އަތޮޅުގައި ބަހުގެ ހިދުމަތް ދިނުމުގައި ވެސް ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރުމުގައި އުރީދޫ މެދުވެރިކޮށް ހައްލު ތަކެއް ލިބިގެންދާނެ ކަމަށެވެ.

"ކުންފުނީގެ ހިންގުން އިތުރަށް ހަރދަނާ ކުރުމަށާއި ވަސީލަތްތައް ފުރިހަމަ ކުރުމަށްޓަކައި އުރީދޫއާ އެކު ވާޗްއަލް ނެޓްވޯކް ގާއިމް ކުރުމާއި ލީސްލައިން ހޯދުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރެވުނީ، ހިތަދޫ ޕޯޓާއި ކުޅުދުއްފުށީ ޕޯޓާއި މިހާރު ހުޅުމާލޭ އަދި މާމިނގިލީގައި ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ޕޯޓްތައް ވާޗްއަލް ނެޓްވޯކަކުން ގުޅާލުމުން ފަސޭހަ ތަކެއް ލިބިގެންދާނެ،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ، އެއްބަސްވުމުގެ ދަށުން ފެރީތަކުގައި ޓްރެކިން ސިސްޓަމް ހަރުކުރުމާއި މޮބައިލް ބޭނުންކޮށްގެން ބަސްތައް ހުރި ސަރަހައްދު ތަކާއި އޭގެ ޓްރެކް ކުރެވޭނެ ވަސީލަތްތައް ގާއިމް ކުރެވިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ، މިއަދުގެ އެއްބަސްވުމަކީ ދެ ކުންފުނީގެ ގުޅުން ބަދަހި ކޮށް އުރީދު މެދުވެރިކޮށް ޓެކްނިކަލް ސަޕޯޓް ވީހާވެސް ލުއި ގޮތަކަށް ލިބިގެންދާނެ ގޮތް ހަމަޖައްސައި ދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.

"މިއީ ވަކި މުއްދަތަކަށް ހެދުނު އެއްބަސްވުމެއް ނޫން، ނުވަތަ ވަކި އަގެއް ކަނޑައެޅިގެން ކުރެވޭ ކަމެއް ނޫން، މިއީ ހަމަ ފަހުގެ ޓެކްނޮލޮޖީ އަންނަ ވަރަކަށް އުރީދޫ މެދުވެރިކޮށް ފަސޭހަ ކަމާއެކު އެކުންފުނީގެ ހިދުމަތްތައް ހޯދުމަތް ކުރެވުނު އެއްބަސްވުމެއް،" ހަލީމް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ނަޖީބް ހާން ވިދާޅުވީ، އެމްޕީއެލް އަކީ ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކުންފުންޏެއް ކަމަށާއި އެމްޕީއެލުން ވަރަށް ގިނަ އާ އީޖާދުތައް ރާއްޖޭގެ މާކެޓަށް ތައާރަފް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލެވިގެންދާނެ ކަމަށާއި ބަހުގައި ޓްރެކިން ސިސްޓަމެއް ގާއިމް ކުރެވި ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތްވެސް ދެވިގެންދާނެ ކަމަށް ނަޖީބް ހާން ވިދާޅުވި އެވެ.