ހަބަރު

ގާތްތިމާގެ ނޫން މީހުންނަށް ވެސް ބަދަލުގައި ފެމިލީ ކޯޓުގައި ތަމްސީލު ކުރެވޭ ގޮތް ހަދައިފި

Apr 26, 2015

އާއިލީ މައްސަލަތަކުގައި ދައުވާކުރާ ނުވަތަ ދައުވާލިބޭ ފަރާތުގެ ބަދަލުގައި ގާތްތިމާގެ ނޫން މީހުންނަށް ވެސް ކޯޓުގައި ތަމްސީލު ކުރެވޭ ގޮތަށް ފެމިލީ ކޯޓުން ހަމަޖައްސައިފި އެވެ.

ފެމިލީ ކޯޓުގެ ގަވާއިދުގައި ކުރިން އޮންނަ ގޮތުން އެ ކޯޓުގައި ހިނގަމުންދާ އެއްވެސް މައްސަލައެއްގައި ހިމެނޭ ފަރާތެއްގެ ބަދަލުގައި ކޯޓުގައި ތަމްސީލު ކުރެވޭނީ އެ މީހެއްގެ ގާތްތިމާގެ މީހަކަށް އެކަންޏެވެ.

މިއަދުން ފެށިގެން އެ ގަވާއިދަށް ގެނެސް އަމަލުކުރަން ފަށާފައިވާ އިސްލާހު ބުނާގޮތުން އެ ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ މީހެއްގެ ގާތްތިމާގެ ނޫން މީހަކު ވެސް ބަދަލުގައި ކޯޓުގައި ތަމްސީލު ކުރެވިދާނެ އެވެ. ނަމަވެސް އެގޮތަށް ހަމަޖެއްސޭނީ ގާތްތިމާގެ މީހަކު ނެތް ހާލަތްތަކުގައި ކަމަށާއި އަދި އެގޮތަށް ހަމަޖައްސާ މީހަކީ ޝަރީއަތަށް ބޭނުންވާ މައުލޫމާތު އެނގޭ މީހަކަށް ވާންޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ. އެފަދަ މައުލޫމާތު ނޭނގޭ ނަމަ ބަދަލު ހަމަޖެއްސުން ބާތިލް ކުރުމުގެ ބާރު އެ މައްސަލައެއް ބަލާ ފަނޑިޔާރަކަށް އޮންނާނެ އެވެ.

އާއިލީ މައްސަލަތަކުގެ އިތުރުން މަދަނީ މައްސަލަތަކުގައި ވެސް ބަދަލުގައި އެހެން މީހަކަށް ކޯޓުގައި އެ މީހަކު ތަމްސީލު ކުރެވޭ ގޮތަށް ހެދެއެވެ. ބަދަލުގައި އެހެން މީހަކު އަންނަ ގޮތަށް ހަމަނުޖެއްސޭނީ ޖިނާއީ މައްސަލަތަކުގައި އެކަންޏެވެ. އެ ބާވަތުގެ މައްސަލަތަކުގައި ކޯޓަށް ހާޒިރުވާން ޖެހޭނީ ސީދާ ދައުވާލިބޭ މީހާ އެވެ.