ހަބަރު

ނޭޕާލްގައި ތިބި ދިވެހި ކުދިން ރާއްޖެ ގެންނަނީ

ނޭޕާލްއަށް އިއްޔެ އައި ބިންހެލުމާ ގުޅިގެން އެ ގައުމުގެ ހާލަތު ގޯސްވެފައިވާތީ، އެ ގައުމުގައި ތިބި ދިވެހި ކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީ އިން ފަށައިފި އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ، ބިންހެލުމާ ގުޅިގެން އެ ގައުމުގެ ހާލަތު ގޯސްވެ ބިރުވެރިކަން އުފެދިފައިވާތީ އެ ގައުމުގައި ތިބި ދިވެހި ކުދިން ވަގުތީގޮތުން ރާއްޖެ އައުމަށް އެދެމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަޖައްސައި ވީހާ އަވަހަކަށް އެ ކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިިނިސްޓްރީ އިން ބުންޏެވެ.

އެ ގައުމުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ނެތް ނަމަވެސް އެ ގައުމުގައި ހުންނަވާ އޮނަރަރީ ކޮންސުލް މެދުވެރިކޮށް ދިވެހިންގެ ހާލު ކައިރިން ބަލައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް މިނިސްޓްރީ އިން ބުންޏެވެ. އަދި ދިވެހި ކުދިންގެ ކަންކަމުގައި އެހީތެރިވެ، އެ ކުދިން ރާއްޖެ ގެނައުމުގެ ކަންކަމަށް މިނިސްޓްރީގެ ޓީމެއް އެ ގައުމަށް ދަތުރު ކުރަން މިހާރު ވަނީ ހަމަޖެހިފަ އެވެ.

ނޭޕާލްގައި ތިބި ކުދިންނާ ގުޅޭ ގޮތުން މިނިސްޓްރީ އިން ވަނީ ހޮޓްލައިނެއް ގާއިމްކޮށްފަ އެވެ. އެއީ؛ 7983400 އެވެ.