ވިޔަފާރި

ލަގްޒަރީ އުޅަނދު ފަހަރު ރާއްޖޭގައި ރަޖިސްޓްރީ ކުރަން ހުޅުވާލަނީ

Apr 26, 2015

ލަގްޒަރީ އުޅަނދު ފަހަރު ރާއްޖޭގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިންވެސްޓްކުރާ ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކާއެކު ހުޅުވާލި، "ކޯޕަރޭޓް ރެޒިޑެންޓް ވިސާ" ގެ ހިދުމަތް ތައާރަފު ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ ޒީނަތްތެރިކަމާއި ގުޅުން ހުރި ވިޔަފާރިތައް ރާއްޖެ ގެނައުމުގެ ގޮތުން އޯޕަންޝިޕް ރަޖިސްޓްރީއެއް ގާއިމްކޮށް، ލަގްޒަރީ އުޅަނދު ފަހަރު ރަޖިސްޓްރީ ކުރަން ހުޅުވާލާނެ ކަމަށެވެ. އަދި މި ސަރުކާރުން ރާއްޖެއަކީ މި ސަރަހައްދުގައި އޮތް ވިޔަފާރިކުރަން އެންމެ ފަހި ގައުމަށް ހައްދަވައި ދެއްވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރަމުން ދާ ކަމަށެވެ.

"ރައީސް ޔާމީންގެ އިގްތިސޯދީ އެޖެންޑާއަކީ ގައުމުގެ ހާލަތު ބަދަލު ކުރުވާނެ އެޖެންޑާ އެއް. މި ސިޔާސަތުތައް ކަނޑައެޅުމާއި ގުޅިގެން ގައުމުގެ ހަރަދުތައް ކުޑަވެގެން ދާނެ. ބައިނަލްއަގުވާމީ މާލީ ޖަމިއްޔާ ތަކުން މި ސިޔާސަތުތައް ބަލައިގެންފި. ވިސްނަވާ ބޮލަކަށް 7000 ޑޮލަރު ޖެހޭ އިރު ނުވަތަ 12،000 އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް ޖީޑީޕީ ޖެހި އެއާޕޯޓު ތޮއްޖެހުން ކުޑަވެ، ރީޓެއިލް، ހޯލްސޭލް ވިޔަފާރިއަށް އޮތް ޖާގަ ބޮޑުވުމުން ރާއްޖޭގެ ވިޔަފާރިއަށް އަންނާނެ ހެޔޮ ބަދަލު ވިސްނަވާ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މި ސަރުކާރުން މިވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭ 20،000 ވަޒީފާ އުފެއްދިފައިވާ ކަމަށެވެ.

"އިންކުއިބޭޓާ ނިޒާމެއް އިކޮނޮމިކް ޑިވްލޮޕްމަންޓުގައި ވަނީ ގާއިމް ކުރެވިފައި. ގިނަ އަދަދެއްގެ ލޯނު ސްކީމްތަކެއް ފެށޭނެ ވާހަކަ ވެސް ދަންނަވަން،" ސައީދު ވިދާޅުވި އެވެ.