ހަބަރު

ޑިއުޓީ މާފުކޮށްދިނުމާއެކު އާ 16 ރިސޯޓެއް ހަދަމުން އެބަދޭ: އަދީބު

Apr 26, 2015
1

މި ސަރުކާރުން ޑިއުޓީ މާފުކޮށްދިނުމާއެކު މިހާތަނަށް އަލަށް 16 ރިސޯޓެއް ތަރައްގީ ކުރަމުން އެބަ އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ކޯޕަރޭޓް ރެސިޑެންޓް ވިސާ ސްކީމް ތައާރަފު ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަދީބު ވިދާޅުވީ މި ސަރުކާރު އައުމަށްފަހު ރައީސް އަބްދުﷲ ޔާމީން ދެއްވި "ޑިއުޓީ ފްރީ ސްޓޭޓަސް" ހޯދައިގެން ޕްރޮޖެކްޓްތައް ޑިވެލޮޕް ކުރުމުގައި ބާރަށް ކުރިޔަށްދާ ކަމަށެވެ.

"މިއަދު އަޅުގަން ހިސާބުތައް ބަލައިލި އިރު  16 ރިސޯޓް ރާއްޖޭގައި އަލަށް ހަދަމުން އެބަދޭ" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވީމާ [މި ސަރުކާރުގެ އަމާޒު] 50 ރިސޯޓް ހުޅުވުމުގެ ޓާގެޓަށް ދިއުމަށްޓަކައި މިދަނީ އިކްނޮމިކް ކައުންސިލާއި ރައީސްގެ އިރުޝާދުގެ ދަށުން ވަރަށް ބޮޑަށް ޕްރައިވެޓް ސެކްޓާއެކު މަސައްކަތްކޮށް އެކަން ޕްރޮމޯޓް ކުރަމުން އެ ޓާގެޓް އިރާދަކުރެއްވިއްޔާ ހާސިލުވާނެ،"

އަދީބު ވިދާޅުވީ ރާއްޖޭގައި އިންވެސްޓަރުންގެ އަގު ވަޒަންކޮށް އިންވެސްޓަރުންނަށް ކަމޭ ހިތުމުގައި އަޅާ އެންމެ ބޮޑު ފިޔަވަޅު މި އަޅަނީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށެވެ. އަދި ވިދާޅުވީ މރޭ މި ތައާރަފު ކުރި ސްކީމްގެ  މަސައްކަތަކީ ރައީސް ޔާމީންގެ ފުރަތަމަ އަހަރުން ފެށިގެން އިގްތިސޯދީ ކޮމެޓީއާ ހަވާލުވެފައި އޮތް މަސައްކަތެއް ކަމަށާއި މީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ފަސޭހަތަކެއް ހޯދައިދިނުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ ނޫނަސް އިންވެސްޓް ކުރެވޭނެ ބައިވަރުތަންތަން ދުނިޔޭގައި ހުރި އިރު ވަރަށް ބޮޑެތި މަންފާތަކާއި "ބިޒްނަސް ހައި ރިޓާން" ލިބޭ ތަންތަން ހުރުމުން ރާއްޖެއިން އަބަދުވެސް ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށާއި ކުރިޔަށް އޮތްތާނގައި އިންވެސްޓް ކުރާ ފަރާތްތަކަށް އިސްކަންދީ އެ ފަރާތްތަކުގެ އިންވެސްޓްމެންޓްތައް ބަލައިގެނެ އަގުވަޒަން ކުރަންޖެހޭ ކަމަށެވެ.

"ރާއްޖޭގެ ބޮޑު ބައެއް މިއޮތީ ޓޫރިޒަމް ދާއިރާގައި އިންވެސްޓް ކުރެވިފައި ބޭރުގެ ފަރާތްތަކުން އަދި އިންވެސްޓް ކޮށްފައި ހުންނަ ކުންފުނިތަކުގެ ބޯޑް ޑައިރެކްޓަރުންނާއި  ބައެއް ޝެއާ ހޯލްޑަރުން ތިން މަހުން އެއްފަހަރު ނޫނީ ދެމެހުން އެއްފަހަރު ކަހަލަ ގޮތަކަށް ރާއްޖެ އާދޭ! އެފަދަ ފަރާތްތައް ޝޫޓް ލައިގެން ރާއްޖެ އަންނައިރު ފަތުރުވެރި މަންޒިލަކަށްވެފައި އެބޭފުޅުން އަހާ ސޯޓެއް ލައިގެން އައިސްފިއްޔާ ވަރަށް ފަސޭހައޭ! އެކަމަކު ޝޫޓް ލައިގެން އައިސްފިނަމަ ކީއްކުރަންތޯ ސުވާލު ކުރެއޭ! އަޅުގަނޑު ދެންނެވީ އެއީ ރާއްޖެއޭ ރާއްޖެއަކީ ފަތުރުވެެރި ގައުމެކޭ." އަދީބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެެހެން އޮތް ނަމަވެސް އެފަދަ ބޮޑެތި އިންވެސްޓްތައް ރާއްޖޭގައި ކޮށްފައި ތިބި ފަރާތްތަކުން އައިސް  އާންމު ކިޔޫތަކުގައި ޖެހި ގިނައިން ރާއްޖެ އާރާތީ ސުވާލުކޮށް ކަސްޓަމާ ހިސާބުން ޝައްކުގެ ނަޒަރަކުން ބަލާތީ އެފަދަ ފަރާތްތަކަށް ދައްޗާ ކުރިމަތިވާ ކަމަށާއި ދުނިޔޭގެ ލިސްޓްކޮށްފައިވާ ބޮޑެތި ކުންފުނިތަކުގެ ޑިރެކްޓަރުންނާއި ޝެއާ ހޯލްޑަރުންނަށްނަށް ދިމާވާ ދަތީގެ ވާހަކަ ދައްކާ ކަމަށެވެ. އަދި އެކަމަކީ ރައީސް ޔާމީން އެކަންކަމަށް އެޑްރެސް ކުރައްވަން ބޭނުންފުޅުވާ ކަމެއް ކަމަށެވެ. ކޯޕަރޭޓް ރެސިޑެންޓް ސްކީމުން އެންމެ ބޮޑު ލުޔެއް ލިބޭނެ ފަރާތްތަކަކީ ރާއްޖޭގައި އިންވެސްޓްކޮށްފައި ތިބި އެފަދަ ފަރާތްތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޓޫރިޒަމްގައި އިންވެސްޓްކޮށްފައި ތިބި ފަރާތްތަކުގެ ތެރެއިން ބޭރުގެ ފަރާތްތަކުގެ ތެރެއިން  50 މިލިއަން ޑޮލަރަށްވުރެ ގިނައިން އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށް މި ވިސާ މި ފޯރުކޮށްދެނީ... ރާއްޖޭގެ މުޅި އިގްތިސޯދަށް ބަލައިފިވިއްޔާ ރާއްޖޭގެ ފޮރިން އެކްސްޗޭންޖަށް ވިސްނިއަސް  90 ޕަސެންޓަކީ ފަތުރުވެރިކަން. އާސަންދަ އާއި ސަބްސިޑީތަކަށް ބަނދަރުތައް ހަދާ ހުރިހާ ކަމަކަށް ހަރުދު ކުރަން ލިބޭ އާމްދަނީ އަކީ ޓެކްސްތަކުން ލިބޭ އާމްދަނީ އެހެން ކަމުން އަޅުގަނޑުމެން އަގުވަޒަން ކުރަންޖެހޭ ރާއްޖޭގެ ޕްރައިވެޓް ސެކްޓާގައި އިންވެސްޓްކޮށްފައިވާ ބޭރުގެ ފަރާތްތައް. ހަމަ އެހެންމެ ރާއްޖޭގެ ފަރާތްތައްވެސް  ރާއްޖޭގެ އިންވެސްޓަރުންނަކީ ވެސް  އެބޭފުޅުންގެ ފައިސާ ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް އިންވެސްޓް ކުރެވިދާނެ ބައެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަދި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގައި އިންވެސްޓްކޮށްފައި ތިބީ ވަރަށް ދުރު ވިސްނޭ ޓޫރިޒަމަށް ލޯބި ކުރާ ހޮޓަލިއަރުން ކަމަށާއި ރާއްޖެ އާއި އެހެން ގައުމުތަކާ އަޅާ ކިޔާއިރު އެހެން ގައުމުތަކަށް ދާ އިންވެސްޓަމަންޓްތަކަކީ ޝޯޓްޓާމް އިންވެސްޓްމެންޓްތައް އަދި ކޮންމެސް ކަހަލަ ފަންޑެއް ނޫނީ ބޭންކަކުން ފައިނޭންސްކޮށްގެން އިންވެސްޓްކޮށް އަވަހާ ރިޓާން ހޯދަން ބޭނުން ފަރާތްތައް ކަމަށެވެ.

"ނަމަވެސް ރާއްޖެއަށް އައި ބޭރުގެ އިންވެސްޓަރެއް ވެއްޖިއްޔާ ދަނީ ރާއްޖޭގައި އިތުރު ރައްތައް ތަރައްގީ ކުރަމުން. އަޅުގަނޑު ފަހަރުވެރިކަމާއެކު ދަންނަވާލަން ބޭނުން ވަނީ ހަތް އަހަރު އަށް އަހަރު ރާއްޖޭގައި އިންވެސްޓްކޮށްފައި ހަތް އަހަރު އަށް ހަރު ނުކޮށް ތިބި ފަރާތްތަކުން ވެސް މި ސަރުކާރު އައުމަށްފަހު މިހާރު ދަނީ އިންވެސްޓް ކުރަމުންނޭ،"