ހަބަރު

ކުޅުދުއްފުށީ ކުޅި ހިއްކާތީ ޖަމިއްޔާތައް ކަންބޮޑުވެއްޖެ

Oct 24, 2017
15

ހދ. ކުޅުދުއްފުށީ ކުޅި ހިއްކައި އެއާޕޯޓް އަޅަން ސަރުކާރުން ނިންމާފައިވާތީ އުތެމަ އާއި އެކޯކެއާ މޯލްޑިވްސް އާއި ބުލޫޕީސް އާއި ބީލީފް އަދި ވޮއިސް އޮފް ވޮމެންއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމިއްޔާތަކުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ކުޅުދުއްފުށީ ކުޅިއަކީ ހަމައެކަނި އެރަށުގެ ތަރިކައެއްނޫން ކަމަށާއި އެއީ މުޅި ރާއްޖޭގެ މުހިންމު ތަރިކަމެއް ކަމަށެވެ. އަދި އެ ކުޅިއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު މަށި ކުޅި ކަމަށާއި އެއީ ތާރީހީ އަދި ހިމާޔަތްކުރަންޖެހޭ އަގުހުރި ގައުމީ ތަރިކައެއް ކަމަށް ބަޔާނުގައި ވެއެވެ.

ޖަމިއްޔާތަކުން ބުނެފައިވަނީ، ކުޅުދުއްފުށީ ކުޅިއަކީ އެރަށުގެ އަންހެނުންގެ ދިރިއުޅުމާއި އާންމުދަނީގެ މައްޗަށް ބިނާވެފައިވާ ތަނެއް ކަމަށާއި އެތަނަކީ ޒަމާނުއްސުރެ އަންހެނުން ބޮންބި ފާކޮށް ރޯނުވެށުމެއް ބުރެވި ކޮށުމަށް ބޭނުން ކުރަމުންދާ ކުޅިއެއް ކަމަށެވެ. އަދި ކުޅި ހިއްކުމުން އަންހެނުން އާންމުދަނީ ހޯދުމަށް ކުރަމުންދާ މަސައްކަތަށް ހުރަށް އެޅުމުގެ ބިރު އެބައޮތް ކަމަށާއި އެފަދަ ސިޔާސަތެއް ސަރުކާރުން ކަނޑައެޅިއިރު އެރަށުގެ އަންހެނުންގެ ހިޔާލާއި މަޝްވަރާ ހޯދާފައިނުވާ ކަން ބަޔާނުގައި ވެއެވެ.

"ދުނިޔޭގެ ފެންވަރުގައި ކުޅީގެ ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ އައިޔޫސީއެން ގެ ނެތި ހިނގައިދާނެ ކަމުގެ ބިރު ފާހަގަކުރާ ރަތް ލިސްޓްގައި ހިމެނޭ އަށް ގަހުގެ ބާވަތް މި ކުޅީގައި ހިމެނެ، މީގެ އިތުރުން މި ކުޅިއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހިޖުރަކުރާ ދޫނީގެ މަންޒިލަކަށްވާ ހިނދު ކުޅީގެ މުހިންމުކަން އޮތީ ރާއްޖެއަށް އެކަންޏެއް ނޫން،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ، ކުޅުދުއްފުށީ ކުޅިއަކީ އެރަށުގެ ތިމާވެށި ރައްކާތެރިކުރުމަށް ގުޅިފައިވާ އަސާސީ ގުނަަވަނެއް ކަމަށާއި 2004 ވަނަ އަހަރުގެ ސުނާމީ ފަދަ ނުރައްކާތެރި ގުދުރަތީ ހާދިސާތަކުން މާދަމާވެސް ސަލާމަތްކޮށްދޭނެ މުހިންމު އަސާސީ ގުނަވަނެއް ކަމަށެވެ. އަދި ވިއްސާރާގައި ރަށުގެ ފެންބޮޑުވުމުގެ ހާލަތު ސަލާމަތް ކޮށްދޭ އަސާސަކީވެސް ކުޅި ކަމަށް ބަޔާނުގައި ވެއެވެ.

ކުޅުދުއްފުށީ ކުޅި ހިއްކުމާ ދެކޮޅަށް އެރަށުގެ ރައްޔިތުންވެސް ދަނީ އަޑު އުފުލަމުންނެވެ. އެރަށުގެ ޒުވާނުން ވަނީ ސޯޝަލް މީޑިއާގައި ކެމްޕޭނެއްވެސް ފަށާފަ އެވެ. ކުޅުދުއްފުށީގެ ކުޅި ހިއްކުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީއިން އަލަށް ބަނދެގެން ގެންނަ ކޮންނަ ބޯޓް، މަހާ ޖައްރާފުންނެވެ. އެ ބޯޓު މާދަމާ އެ ރަށަށް ދާނެ ކަމަށްވެ އެވެ.