ހަބަރު

"ޓޫރިސްޓުންނަށްވުރެ ކުރިން ރަށްތައް ހުސްވާނެ"

  • ޓޫރިޒަމް މަޑުޖެހުނަސް ސޯނޫ ކަންބޮޑެއް ނުވޭ
  • މަޑުޖެހުނީ ސިޔާސީ ހަލަބޮލިކަން ފަދަ ކަންކަމުން
  • އާ ހިޔާލާއި އާ ތަޖުރިބާތައް ބޭނުންވޭ

ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިން މަޑުޖެހިފައި އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި، ޓޫރިސްޓުން ހުސްވުމުގެ ކުރިން ރާއްޖޭގެ ރަށްތައް ހުސްވާނެ ކަމަށް ސޮނެވާ ރިސޯޓްތަކުގެ ބާނީ، ސޯނޫ ޝިވްދަސާނީ ވިދާޅުވެއްޖެ އެވެ.

"އަވަސް" އާއި "ނިއު ޔޯކް ޓައިމްސް" ގުޅިގެން ނެރޭ "އައިލްސް" މެގަޒިންއަށް ދެއްވި ހާއްސާ އިންޓަވިއުއެއްގައި ސޯނޫ ވިދާޅުވީ، މިހާރު ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ މަޑުޖެހުމުގެ ފަހަތުގައި ވަނީ ސިޔާސީ ހަލަބޮލި ކަމާއި ސަރުކާރާއި އިދިކޮޅު ބައެއް ފަރާތްތަކުގެ ސިޔާސަތުތައް ކަމަށެވެ. -- ފުރިހަމަ އިންޓަވިއު އައިލްސްގެ ދެ ނުކުންނަ އަދަދުގައި --

އެގޮތުން 2013 ވަނަ އަހަރުގެ ތެރޭގައި 15 އަހަރުގެ އަންހެން ކުއްޖެއް ޒިނޭ ކުރިކަމުގެ ކުށް ސާބިތުވެ ހައްދުޖަހަން ހުކުމް ކުރި ކުރުން ފްރާންސް މާކެޓަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށް ސޯނޫ މިސާލެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑަށް ހީވަނީ އޭރުގެ ރައީސް ޑރ. ވަހީދު ވަގުތުން އެކަން ހުއްޓުވި ހެން. އެކަމަކު އެންމެ ހަފުތާއެއްގެ ތެރޭގައި އެވާހަކަ ފްރާންސް މީޑިއާ އަށް ފެތުރިގެން ދިޔަ. އޭގެ ހަތަރު އަހަރު ފަހުން އަދިވެސް އެމީހުން އެވާހަކަ ދައްކާ،" ފްރާންސުން އަންނަ ޓޫރިސްޓުން މަދުވުމާއި ގުޅޭގޮތުން ސޯނޫ ވިދާޅުވި އެވެ.

"ވަރަށް އަޖައިބުވޭ އަސްލު އެކަހަލަ ވާހަކައެއް އެހާ ބޮޑަށް ފެތުރިގެން ދިޔައީމަ. އެކަމަކު އޭގެ އެހެން ކަމެއްވެސް އެބަ އޮތް. ފްރާންސް ސަރުކާރުން ވެސް ބޭނުންވަނީ ކުރިން އެމީހުންގެ ދަށުގައި އޮތް އަދި މިހާރުވެސް ގާތްގުޅުމެއް އޮންނަ މޮރިޝަސް، ސީޝެލްސް ފަދަ ގައުމުތަކަށް ފްރާންސް ޓޫރިސްޓުން ދާން. އެ މާކެޓްތަކަށް ވަރަށް އަސަރު ކުރި ފްރާންސް ޓޫރިސްޓުން ރާއްޖެއަށް ދާން ފެށުމުން."

ސޯނޫ އިތުރަށް ވިދާޅުވީ ޒިކާ ވައިރަސް ރާއްޖޭގައި ފެތުރެމުންދިޔަ ރިޕޯޓްތަކާއި ގުޅިގެން ވެސް ބައެއް މީހުން ދަތުރު ކެންސަލް ކުރި ކަމަށެެވެ.

"އައިސިސްގެ ބިރު އެއީ އަނެއް މައްސަލަ. ދުނިޔެ ބަލައިގަންނަ އިސް ބޭފުޅަކު ސީއެންއެން ގައި އެހެން ވިދާޅުވީމަ ޓޫރިޒަމަށް އަސަރު ކުރާނެ ދެއްތޯ،" އެ ބޭފުޅެއްގެ ނަން ވިދާޅުނުވެ، ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ މީހުން ރާއްޖޭގައި ގިނަ ކަމަށް ދުނިޔޭގެ މީޑިއާގައި ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ސޯނޫ ވިދާޅުވި އެވެ.

ނަމަވެސް، އެފަދަ މައްސަލަތައް ސޯނޫ ސިފަ ކުރެއްވީ ވަރަށް ވެސް ކުދި މައްސަލަތަކެއްގެ ގޮތުގަ އެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް ފުޅާވުމުގެ ފުރުސަތު ރާއްޖެއާއި "ވަރަށް ގާތުން" އެބަ އޮތް ކަމަށް، ރާއްޖޭއަށް ލަގްޒަރީ ޓޫރިޒަމް ތައާރަފްކުރެއްވި ސޯނޫ ވިދާޅުވި އެވެ.

"ދުނިޔޭގެ އެހެން ތަންތަނާއި އަޅާ ބަލާއިރު ރާއްޖޭގެ 90 ޕަސަންޓަކީ ލޯންގް ހޯލް [ދުރުން އަންނަ ޓޫރިސްޓުން]. އެކަމަކު ޝޯޓް ހޯލް އަށް ބަލާއިރު ދެކުނު އޭޝިޔާ އާއި އިންޑިއާ އަށް ބެލިކަމުގައި ވީ ނަމަވެސް އަޅުގަނޑުމެން މި ދައްކަނީ ދެ ބިލިއަނަށް ވުރެ ގިނަ މީހުންގެ ވާހަކަ. މި ގޮތަށް ބަލާއިރު، ރާއްޖެ އަންނަ ޓޫރިސްޓުން 80 އާއި 90 ޕަސަންޓް ޝޯޓް ހޯލަށް ބަދަލުވާނެ ދުވަސް ވަރަށް ގާތް. އެ ގޮތުން، ދުރުން އަންނަ ޓޫރިސްޓުން މިހާރު ހުރި އަދަދުގައި ހިފެހެއްޓުނަސް، މިދައްކަނީ އަހަރަކު ފަސް މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުންގެ ވާހަކަ،" 1987 ގައި އަންހެނުން އީވާ އާއެކު ޗުއްޓީއަށް ވަޑައިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ތެރެއަށް ވަދެވަޑައިގެންނެވި ސޯނޫ ވިދާޅުވި އެވެ.

"އެހެންވީމަ އަހަންނަށް ހީވަނީ، ރާއްޖެއަށް އަންނަ ޓޫރިސްޓުން ހުސްވުމުގެ ކުރިން، ރާއްޖޭގެ ރަށްތައް ހުސްވާނެ ހެން."

ރާއްޖޭގެ ޓޫރިޒަމް މުސްތަގުބަލު އުޖާލާ ކަމަށް ސޯނޫ ގަބޫލުފުޅު ކުރެއްވިއަސް، ޓޫރިޒަމް ދެމެހެއްޓުމުގައި ދުނިޔެ އަށް އައު ތަޖުރިބާ ތަކާއި ހިޔާލުތައް ރާއްޖޭގައި ގާއިމު ކުރުމުގެ މުހިންމުކަން، ރާއްޖޭގައި މުޅިން ތަފާތު ކޮންސެޕްޓަކަށް އިތުރު ދެ ރިސޯޓެއް ހުޅުވުމަށް ވިސްނަވަމުން ގެންދަވާ ސޯނޫ ފާހަގަ ކުރެއްވި އެވެ.

"މިސާލަކަށް ސޮނެވާ ޖާނީ އެކި ގޮތް ގޮތުން މުޅި ދުނިޔޭގެ ސަަމާލުކަން ހޯދައިފި. އޭގެ ސަބަބުން މުޅި ރާއްޖެއަށް އޭގެ ފައިދާ ކުރާނެ. ސަބަބަކީ ސޮނެވާ ޖާނީ ގައި މި ހުންނަނީ އެންމެ 25 ވިލާ. އެހެންވީމަ ސަރުކާރުން ވެސް ރަށްތައް ދޫކުރާއިރު، އާ ހިޔާލުތަކާއި ފަތުރުވެރިންނަށް އާ ތަޖުރިބާ އެއް ދޭން އަންނަ ފަރާތްތަކަށް އިސްކަން ދިނުން ވަރަށް މުހިންމު. ބޭރު މީޑިއާގެ ސަމާލުކަން ހޯދާ، ދުނިޔޭގައި އެވާހަކަ ދެކެވުމުން، މުޅި ރާއްޖޭއަށް އޭގެ ފައިދާ ކުރާނެ. އަންނަ ޓޫރިސްޓުން އިތުރުވާނެ."