ހަބަރު

ސަޕްލިމެންޓަރީ ބަޖެޓުގެ ދިރާސާ ހަފުތާއަކުން ނިންމަން ފާސްކޮށްފި

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް ހަތް ދުވަސް ތެރޭގައި ނިންމުމަށް ބަޖެޓު ކޮމިޓީގެ އަގުލަބިއްޔަތުން ފާސްކޮށްފި އެވެ.

ސަޕްލިމެންޓަރީ ބަޖެޓު ދިރާސާ ކުރާ ކޮމިޓީ އެކުލަވާލައި، މަސައްކަތްތައް ރާވާލުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ފުރަތަމަ ކުރިޔަށް ދިޔައީ އެ ކޮމިޓީއަށް މުގައްރިރާކާއި ނައިބު މުގައްރިރު ކަނޑައެޅުމެވެ. އެގޮތުން އެ ކޮމިޓީގެ މުގައްރިރަކަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކާއި ނައިބު މުގައްރިރަކަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހަމަޖެއްސުމަށް ކޮމިޓީއަށް ހާޒިރުވި 13 މެންބަރުންގެ އަގުލަބިއްޔަތުން ފާސްވި އެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގަޑި ކަނޑައެޅުމަށް ނިހާން ފުރުސަތު ހުޅުވާލުމުން، ބަންދު ދުވަސްތައް ހިމެނޭ ގޮތަށް ހަތް ދުވަހުގެ ތެރޭގައި ބަޖެޓުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ރިޔާޒު ހުށަހެޅުއްވި އެވެ. ނަމަވެސް ބަޖެޓު ދިރާސާ ކުރުން ތިން ދުވަސް ތެރޭގައި ނިމުމަށް ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ހުށަހެޅުމުން ރިޔާޒު ރަޝީދުގެ ހުށަހެޅުން ބަދަލު ކުރީ ހަތް ދުވަސް ކަނޑައެޅި ނަމަވެސް ތިން ދުވަހުން ބަޖެޓުގެ މަސައްކަތް ނިންމޭނެ ގޮތަކަށް ޝެޑިއުލްކޮށްގެން ކުރިޔަށް ގެންދިޔުމަށެވެ.

"ހަތް ދުވަސް އޮތުމަކުން އެއީ ތިން ދުވަސް ތެރޭގައި ނުނިންމޭނެ ސަބަބެއް ނޫން، ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި މި މަސައްކަތް ނިންމިދާނެ ކަމަށް އަޅުގަނޑަށް ވެސް ފެނޭ، ހަތް ދުވަސް އޮތީމަ އެއްވެސް މައްސަލައެއް ދިމާވެގެންވެސް ތިން ދުވަސް ތެރޭ ނުވެއްޖެއާ އިތުރު ވަގުތު އޮންނާނެ، އެހެންވެ ތިން ދުވަސް ތެރޭގައި ނިންމާ ގޮތަށް މުގައްރިރަށް ޝެޑިއުލްކޮށްގެން ކުރިޔަށް ގެންދެވޭނެ،" ރިޔާޒު ވިދާޅުވި އެވެ.

އެގޮތަށް ފާސްވީ، ކޮމިޓީއަށް ހާޒިރުވި، 12 މެންބަރުންގެ ވޯޓުންނެވެ. އަދި އެ ކޮމިޓީގެ މަސައްކަތްތައް ކުރިޔަށް ދާނެ ގޮތް ރާވާލަމުން ނިހާން ވިދާޅުވީ ބަޖެޓަށް އާމްދަނީ ހޯދޭނެ ގޮތް ހޯދުމަށް މާދަމާ ހެނދުނުގެ ވަގުތެއްގައި ފިނޭންސް މިނިސްޓަރާއި އެ މިނިސްޓްރީގެ ކަމާ ބެހޭ ފަރާތްތައް ހާޒިރު ކުރުމަށެވެ. އަދި ބަޖެޓުގެ ބަހުސް މާދަމާގެ ޖަލްސާގައި ނިންމައި، އެ ރޭ ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް ފަހު ބަޖެޓާ ގުޅޭ ދެން ހުރި މަސައްކަތްތައް ނިންމާލުމަށް މަސައްކަތް ކުރާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ބަޖެޓާ މެދު އޮޑިޓާ ޖެނަރަލް އާއި އެމްއެމްއޭގެ ގަވަނަރުގެ ހިޔާލު ސަފު ކުރުމުގެ އިހްތިޔާރު ލިބިގެންވެ އެވެ. އަދި އެ ދެ ފަރާތް ހާޒިރު ކުރުމަށް މެންބަރުންގެ ހިޔާލަކީ ކޮބާތޯ ސުވާލު ކުރުމަށް ފަހު ހުޅުވާލި ފުރުސަތުގައި ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ އެއްވެސް ފަރާތެއް ހާޒިރުކޮށްގެން ދިރާސާ ކުރުމުގެ މާބޮޑު ބޭނުމެއް ނެތް ކަމަށާއި އެ ފަރާތްތަކުގެ ހިޔާލު މި އަހަރުގެ ބަޖެޓު ދިރާސާ ކުރި އިރު ހޯދާފައިވާނެ ކަމަށެވެ. އެހެން ނަމަވެސް ސާފު ކުރަން ބޭނުންވާ މައުލޫމާތުތައް ލިޔުމުން ހުށަހެޅިދާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"މި ސަޕްލިމެންޓަރީ ބަޖެޓު ދިރާސާ ކުރަން ޕްރޮފެޝިނަލް އޮޕީނިއަންއެއް ބޭނުމެއް ނުވޭ، އަޅުގަނޑަކަށް ނުފެނޭ އޮޑިޓާ ޖެނަރަލާއި ގަވަނަރު މި ކޮމިޓީއަށް ހާޒިރު ކުރުވަން، އެހެން ނަމަވެސް ލިޔުމުން ގެނެވިދާނެ ގަވަނަރުމެން ދެކޭ ގޮތް މި ބަޖެޓާ ބެހޭ ގޮތުން ސާފު ކުރަން، މި ދެ ފަރާތާވެސް ބައްދަލު ކުރާކަށް އަޅުގަނޑަކަށް ނުފެނޭ، މި ބޭފުޅުން ހާޒިރު ނުކުރަން އަޅުގަނޑު ހުށަހަޅަން،" ރިޔާޒު ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން ކޮމިޓީގައި ބައިވެރިވެވަޑައިގަތް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަހުމަދު އަސްލަމް ވިދާޅުވީ އަވަސް އަރުވާލައިގެން ބަޖެޓު ފާސް ކުރުމަކީ އެންމެ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ. އަދި އޭގެ ސަބަބުން ނަތީޖާ ރަނގަޅެއް ނުވާނެ ކަމަށާއި އެފަދަ މަސަައްކަތުގައި ޕްރޮފެޝިނަލް އޮޕީނިއަން ބޭނުންވާނެ ކަމަށެވެ.

"އަވަސްގެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކިދާނެ، އަވަހަށް ނިންމިޔަސް ޒިންމާދާރު ކަމާއެކު މިކަން ނިންމުމަކީ ވަރަށް މުހިންމު ކަމެއް، އަވަސް އަރުވާލައިގެން މިކަން ފާސް ކުރަން ބޭނުމިއްޔާ ތިބޭފުޅުންނަށް އެކަން ކުރެވިދާނެ ނަމަވެސް އެއީ ޒިންމާ ދާރު ގޮތެއް ނޫން، އެހެންވެ އަޅުގަނޑު ހުށަހަޅަން އޮޑިޓާ ޖެނަރަލާއި ގަވަނަރު ވެސް ކޮމިޓީއަށް ހާޒިރު ކުރަން،" އަސްލަމް ވިދާޅުވި އެވެ.

ނަމަވެސް ކޮމިޓީން ފާސްވީ ރިޔާޒު ހުށަހެޅުއްވި ގޮތަށް އެއްވެސް ފަރާތަކު ހާޒިރުނުކޮށް، ކޮމިޓީއަށް ލިޔުމުން މައުލޫމާތުތައް ހޯދާށެވެ. އެގޮތަށް ފާސްވީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ ތެރެއިން 12 މެންބަރުންގެ ވޯޓުންނެވެ.

މަޖިލީހަށް މިއަދު ހުށަހަޅާފައި ވަނީ 493 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރޭގައި 330 މިލިއަން ރުފިޔާ ހިމެނެނީ ސިއްހީ ހިދުމަތްތައް ފުޅާ ކުރުމަށާއި އެ ދާއިރާގައި ދޭން ހުރި ހިދުމަތްތައް މެދު ނުކެނޑި ކުރިޔަށް ގެންދިޔުމަށެވެ.