ހަބަރު

މޯލްޑިވިއަންގެ ފްލައިޓެއް ދިވެހިން ބަލާ މާދަމާ ނޭޕާލްއަށް

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުން ހަރަދުކޮށްގެން ނޭޕާލްގައި ތިބި ދިވެހި ކުދިން ރާއްޖެ ގެނައުމަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް މާދަމާ އެ ގައުމުގެ ވެރިރަށް ކަތަމަންޑޫއަށް ދިޔުމަށް ހަމަޖެހިއްޖެ އެވެ.

ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިރޭ ވިދާޅުވި ގޮތުގައި ނޭޕާލްއަށް އައި ބިންހެލުމާ ގުޅިގެން ހާސްކަމުގެ ތެރޭގައި ތިބި ދިވެހި ކުދިން ގެނައުމަށް ކަތަމަންޑޫއަށް މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއް ބާއްވާނީ މާދަމާ އެވެ. އަދި އެ ފްލައިޓް އެ ގައުމަށް ދިޔުމަށް ކުރަން ޖެހޭ ހުރިހާ ހަރަދެއް ކުރާނީ، ރައީސް އަބްދުﷲ ޔާމީންގެ އެދިލެއްވުމަކަށް، ޓުއަރިޒަމް ސިނާއަތުން ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފަ އެވެ.

"ކުދިން ގެނައުމަށް ނޭޕާލްއަށް މޯލްޑިވިއަންގެ ފްލައިޓް މާދަމާ ދާނެ،" އަދީބު ވަނީ ވިދާޅުވެފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ވެސް ވިދާޅުވީ، ނޭޕާލްގައި ތިބި ދިވެހިން ގެންނަން މޯލްޑިވިއަންގެ ފްލައިޓެއް މާދަމާ ނޭޕާލްއަށް ފޮނުވުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. އަދި އެކަމަށް ހަރަދު ކުރަނީ ޓުއަރިޒަމް ދާއިރާއިން ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.

ގިނަ ދިވެހިންތަކެއް އެ ގައުމުގައި މެޑިސިން ކިޔަވަން ތިބޭ އިރު، އެ ގައުމުގެ ހާލަތު ގޯސްވުމާ އެކު ވަގުތީގޮތުން ރާއްޖެ އައުމަށް އެ ކުދިން ވަނީ ފޮރިން މިނިސްޓްރީގައި އެދިފަ އެވެ. ނަަމަވެސް ދިވެހި އެއްވެސް ކުއްޖަކަށް ބޮޑު އަނިޔާއެއް ނުވެ އެވެ. އަދި ދިވެހި ކުދިންނަށް އެހީވުމަށް ނޭޕާލްގައި ހުންނަ އޮނަރަރީ ކޮންސުލޭޓުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދިވެހިންނަށް އެހީވުމަށް ރިލީފް ސެންޓަރުތަކެއް ވަނީ ހަދާފަ އެވެ. އަދި މާދަމާގެ ވަގުތެއްގައި، ފޮރިން މިނިސްޓްރީގެ ޓީމެއް ވެސް ދިވެހިންނަށް އެހީވުމަށް އެ ގައުމަށް ދިޔުމަށް ވަނީ ނިންމައިފަ އެވެ.