ދުނިޔެ

ޝީޖިންޕިންގެ އަރިހުގައި މަސައްކަތް ކުރަން އާ ޓީމެއް

Oct 25, 2017

ޗައިނާގެ ރައީސްކަން އިތުރު ދައުރަކަށް ކަށަވަރު ކުރައްވާފައިވާ ޝީޖިންޕިން އަރިހުގައި މަސައްކަތް ކުރާ ނުފޫޒު ގަދަ "ޕޮލިޓް ބިއުރޯ ސްޓޭންޑިން ކޮމެޓީ" އަށް އާ ފަސް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ 19 ވަނަ ކޮންގްރެސް އިން އެ ގައުގެ ޕޮލިޓް ބިއުރޯ ސްޓޭންޑިން ކޮމިޓީއަށް އައްޔަން ކުރި ހަތް ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު ފިޔަވައި ދެން ތިއްބެވީ މުޅިން އަލަށް އެ ކޮމިޓިއަށް އައްޔަން ކުރެވުނު ބޭފުޅުންނެވެ. ކުރިއްސުރެ ތިއްބެވި ބޭފުޅުންގެ ތެރެއިން އެ ކޮމިޓީގައި ހިމެނުނު ދެބޭފުޅުންނަކީ ރައީސް ޝީއާއި ބޮޑުވަޒީޒު ލީ ކެގިއާން އެވެ.

ވެރިކަން ކުރާ އާ ކޮމިޓީ ތައާރަފް ކޮށްދެއްވުމަށް ފަހު ފާއިތުވި ފަސް އަހަރު ދުވަހު ފުޅާ އެޖެންޑާއެއް ކަނޑައަޅައި، އޭގެ ތެރެއިން ބައެއް ކަންތައްތައް ހާސިލުވެފައިވާ ކަމަށެވެ.

" ބައެއް ކަންތައްތައް ވަނީ ނިންމައިލެވިފައި، އަނެއްބައި ކަންތައްތަކުގަައި އިތުރަށް މަސައްްކަތް ކުރަން ޖެހޭ،" ޝީ ވިދާޅުވިއެވެ.

އަލަށް އެކުލަވައިލި ޓީމުގައި ހިމެނިވަޑައިގަންނަވާ އެންމެ ޒުވާން ބޭފުޅާއަށް ވެސް ޝީގެ ދެވަނަ ދައުރު 2022 ވަނަ އަހަރު ނިމޭ އިރު 65 އަހަރުވާނެއެވެ. އެއީ ޗައިނާގެ ލީޑަޝިޕްގައި ތިއްބަވާ ބޭފުޅުންގެ އުމުރަކަށް ވާން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ އުމުރަށް ވުރެ ތިން އަހަރު ދޮށީ އުމުރެކެވެ. މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ޝީ އެގޮތަށް އަމަލު ކުރެއްވީ ކޮމިއުނިސްޓް ޕާޓީގެ އާއްމު އުސޫލު ނައްތަވައިލެއްވުމަށެވެ. މަގުސަދަކީ ދެވަނަ ދައުރު ނިމުމަށް ފަހުވެސް ވެރިކަމުގައި ހުންނެވުމެވެ.