ހަބަރު

ދިރާގާއި ފެން ކުންފުނީގެ ބޭރު ހިއްސާ އަލުން ގަންނަނީ

Oct 25, 2017
4

ދިރާގާއި ފެން ކުންފުނިން ބޭރަށް ވިއްކާފައިވާ ހިއްސާތައް ދައުލަތަށް އަލުން ގަންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ. އެ ދެ ކުންފުނީގެ ހިއްސާ ބޭރަށް ވިއްކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ.

ސަޕްލިމެންޓްރީ ބަޖެޓް ދިރާސާ ކޮމެޓީއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މުނައްވަރު ވިދާޅުވީ މުއާސަލާތީ ކުންފުނި ދިރާގާއި ފެންކުންފުނި، އެމްޑަބުލިއުއެސްސީން ބޭރަށް ވިއްކާލާފައިވާ ހިއްސާތައް އަލުން ގަންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރަކީ އެގޮތަށް ހިއްސާ ވިއްކާނެ ސަރުކާރެއް ނޫން ކަމަށާއި މީގެ ކުރިން އެގޮތަށް ވިއްކާފައި ހުރި ހިއްސާ މި ސަރުކާރުން އަލުން ގަންނާނެ ކަމަށެވެ. އަދި އެގޮތަށް ހަދައިފިނަމަ އޭގެ ފައިދާ ވެސް ދައުލަތަަށާއި އިގްތިސޯދަށް ކުރާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ބޭނުންވަނީ ކުންފުނިތަކުގެ 100 ޕަސެންޓް ހިއްސާ ދައުލަތަށް އޮތުމަށް ކަމަށެވެ.

ކޮމެޓީގައި ދިރާގައި ފެން ކުންފުނީގެ ހިއްސާގެ ވާހަކަ ސަމާލު ކަމަށް ގެންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.