ހަބަރު

ފޮނުވި ގޮތަށް ސަޕްލިމެންޓަރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓެއް އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށްފި އެވެ. މަޖިލީހުގައި މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ޖަލްސާގައި ސަޕްލިމެންޓަރީ ބަޖެޓް ފާސްކޮށްފައި ވަނީ 13 މެންބަރުންގެ ވޯޓުންނެވެ. ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ފިޔަވައި އެހެން އެއްވެސް އިދިކޮޅު މެންބަރަކު ބަޖެޓަކަށް ވޯޓެއް ނުދެއްވަ އެވެ.

މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން ނުފުދުމުން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ 493 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން 300 މިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ ސިއްހީ ދާއިރާގައި ދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑި ދިނުމަށެވެ. އޭގެ އިތުރުން ތެޔޮ ފަދަ ތަކެތި ހޯދަން 50 މިލިއަން ރުފިޔާ އާއި ރީޖަނަލް އެއާޕޯޓަށް 40 މިލިއަން ރުފިޔާއާ ސްކޫލްތައް ޑިޖިޓަލް ކުރަން 47 މިލިއަން ރުފިޔާ އަދި ބައި އިލެކްޝަން ބޭއްވުމަށް ވެސް 26 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.

މި ބަޖެޓާ ބެހޭ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުުމަދު މުނައްވަރުރ ވަނީ ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީތައް ނުހޯދުނު ސަބަބުތައް ސާފުކޮށް ދެއްވައިފަ އެވެ. އެގޮތުން ފުރާ މީހުންގެ ޓެކްސް، އޭޑީސީ ތަންފީޒު ކުރަން ފަސްވި އިރު މާލެއިން ބިން ނުވިކުމާއި އެސްއީޒެޑަށް ލިބޭނެ ކަމަށް ބެލި އާމްދަނީ ނުލިބުން ފާހަގަ ކުރެއްވި އެވެ.

މިހާރު ދެމުން އަންނަ ހިދުމަތްތައް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދިޔުމަށާއި އޭގެ އިތުރުން ދިރާސީއާ އަހަރު ފެށުމުގެ ކުރިން ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މުހިންމުކަން މިނިސްޓަރު ވިދާޅުވި އެވެ. ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގަ އާއި ކޮމިޓީގައި ވެސް ވާހަކަދެއްކެވި ހުރިހާ މެންބަރުން ވެސް އެ ބަޖެޓު ފާސް ކުރުމަށް ތާއީދު ކުރެ އެވެ.

ކުރިޔަށް އޮތް ދެ މަހަށް ހުށަހަޅާ ސަޕްލިމެންޓަރީ ބަޖެޓަށް އާމްދަނީ ހޯދުމަށް ސަރުކާރުން ނިންމާފައި ވަނީ ރެވެނިއު ސްޓޭޕް ވިއްކައިގެން އަށް މިލިއަން ރުފިޔާއާ ޓެކުހުގެ ގާނޫނު އިސްލާހުކޮށްގެން 29 މިލިއަން ރުފިޔާ އަދި ތިން ފަރާތަކުން ލިބޭނެ ކަމަށް ބެލެވޭ 231 މިލިއަން ރުފިޔާ ހޯދައިގެނެވެ.