ވިޔަފާރި

ޓޫރިޒަމްގެ އާ މޫސުމަށް އެއާޕޯޓުގެ ބެގޭޖް ބެލްޓާއި ޖާގަ އިތުރުކޮށްފި

މި އަހަރުގެ ޓޫރިޒަމް އާ މޫސުން ފަށަންވާއިރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ބެގޭޖު ބެލްޓާއި ޖާގަ އިތުރުކޮށްފި އެވެ. ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިސްޓު އާ މޫސުމާ ދިމާކޮށް، ހުޅުވި ބެގޭޖު ބެލްޓާއި ގޭޓުތައް ރަސްމީކޮށް ހުޅުއްވައި ދެއްވީ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.

އެމްއޭސީއެލްގެ މުވައްޒަފުންގެ މަސައްކަތުން ހަދާފައިވާ ބެލްޓާއި ގޭޓުތައް ހުޅުއްވައި ދެއްވުމަށްފަހު މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ މި ބަދަލު ގެނެސްފައިވަނީ ޓޫރިޒަމްގެ އާ ސީޒަނާ ދިމާކޮށް، އިތުރު އެއާލައިންތަކެއް އޮޕަރޭޓް ކުރަން ފަށާނެތީ، އެކަމަށް ތައްޔާރުވާން ކަމަށެވެ.

ވީއައިއޭއަށް މިހާރުން މިހާރަށް ބައެއް ބަދަލުތައް ގެންނައިރު ސަރުކާރުން ވަނީ ވީއައިއޭ ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއެއް ވެސް ފަށާފަ އެވެ. އެ މަޝްރޫއުގެ ދަށުން އާ ރަންވޭ އެއް އަޅައި އާ ޕެސެންޖަރު ޓާމިނަލްއެއް އަދި ފިއުލް ފާމެއްގެ އިތުރުން ކާގޯ ޓާމިނަލެއްވެސް އަޅާނެ އެވެ. މި މަޝްރޫއުގެ އަގު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

"މިއަދު ހުޅުވިގެންދިޔަ ފެސިލިޓީސްއަކީ މިހާރު ދެމުން އަންނަ ހިދުމަތް ފުޅާކުރުން. އެއާޕޯޓުގެ އަޕްގްރޭޑިން ޕްރޮޖެކްޓް ފެށިފައި މިވަނީ. މި ޕްރޮޖެކްޓުގެ ތެރެއިން މަސައްކަތް ކުރާއިރު، އެއް އޭރިއާއަކުން ހިދުމަތްތައް ދިނުން،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބަދަލާއެކު، އެއް ފަހަރާ 300 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ.

މި ފެސިލިޓީސްއަކީ ދެމުންގެންދާ ހިދުމަތް ފުޅާކުރުން. މި ޕްރޮޖެކްޓުގެ ތެރެއިން މަސައްކަތް ކުރާއިރު، އެއް އޭރިއާއަކުން ހިދުމަތްތައް ދިނުން
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު | އާދިލް މޫސާ

"މި ބަދަލާއެކު އެއާޕޯޓުގެ ހިދުމަތް ހޯދަން އަންނަ މީހުންނަށް އިތުރަށް ތަނަވަސް ވެގެންދާނެ،" އާދިލް ވިދާޅުވި އެވެ.

ވީއައިއޭގައި އަންނަ މީހުންގެ ލަގެޖް ނަގަން މީގެ ކުރިން އޮންނަނީ ދެ ބެލްޓެވެ. ނަމަވެސް މިހާރު އިތުރު ކުރި ދެ ބެލްޓާއެކު ހަތަރު ބެގޭޖު ބެލްޓަށް ބަދަލު ވެގެންދާނެ އެވެ. އަދި ކުރިން ޑިޕާޗާ ގޭޓުގެ ގޮތުގައި ހުންނަނީ ފަސް ގޭޓެވެ. އެއީ ގްރައުންޑް ފްލޯގައި ތިން ގޭޓާއި ފުރަތަމަ ބުރީގައި ދެ ގޭޓެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު ފުރަތަމަ ބުރީގައި ހުރި ދެ ގޭޓް ބަންދުކޮށް، ތިރީގައި ތިން ގޭޓްވަނީ ހުޅުވާފަ އެވެ. މިއާއެކު މިހާރު ޖުމްލަ ހަ ގޭޓް ހުންނާނެ އެވެ. މި ބަދަލާއެކު އެއްފަހަރާ ހަ ފްލައިޓުން އަންނަ މީހުންނަށް ރާއްޖެ އެތެރެވެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.

ޓޫރިޒަމް މޫސުން ފެށޭނީ މި މަހުގެ ފަހުކޮޅުން ފެށިގެންނެވެ. ޓޫރިޒަމް އާ މޫސުމާ ދިމާކޮށް، އެއާ ފްރާންސާއި އިޓަލީގެ އިތުރު އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށާނެ އެވެ. އަދި އިތުރު އެއާލައިންތަކުގެ ޖާގަ ވެސް އިތުރު ކުރާނެ އެވެ.