ހަބަރު

އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުން ގެއްލިއްޖެ!

އިދިކޮޅު ޕާޓީތަކުގެ މެންބަރުން މިއަދު ވެސް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައި ނުގެން ބޮއިކޮޓްކޮށްފި އެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށް ޖަލްސާ ކުރިޔަށް ގެންދަން ހުރަސް އަޅަމުން ދަނިކޮށް، ރިޔާސަތާ ކައިރި ނުވެވޭ ގޮތަށް "ފާރެއް" ލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ޖަލްސާތައް ކުރިޔަށް ގެންދަވަ އެވެ. އޭގެ ފަހުން ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ޖަލްސާގަ އާއި ބަޖެޓް ފާސް ކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބޮއިކޮޓްކޮށްފަ އެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާ އިއްޔެ އާއި މިއަދު ވެސް ކުރިޔަށް ދަނީ އިދިކޮޅު ފަރާތްތަކާ ނުލަ އެވެ.

މަޖިލީހުގެ ތަޅުމަށް އިދިކޮޅު މެންބަރުން ވަދެވަޑައި ނުގެންނެވި ނަމަވެސް ކޮމިޓީ ބައްދަލުވުންތަކުގައި އެ މެންބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. މިކަމާ ގުޅޭ ގޮތުން އިދިކޮޅު މެންބަރެއްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އިދިކޮޅު ޕާޓީތަކުން ކުރިން ބުނެފައި ވަނީ މަޖިލީހުގެ ރައީސް މަސީހު ރިޔާސަތުގައި ހުންނަވައިގެން ކުރިޔަށް ގެންދާ މަޖިލީހުން ނިންމަވާ ކަންކަން ގަބޫލެއް ނުކުރައްވާ ކަމަށެވެ. އަދި ޖަލްސާތައް ކުރިޔަށް ގެންދެވޭނީ މަސީހައި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތް މައްސަލަ ބޭއްވުމަށް ފަހުގައި ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.

ޖަލްސާތަކުގައި އިދިކޮޅު މެންބަރުން ބައިވެރިނުވާ މައްސަލާގައި ސަރުކާރު މެންބަރުން ގެންދަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އިހުތިޖާޖު ކުރާ ކަމަށް ބުނެ އިދާރީ މޭޒުގައި ތިއްބަވާ މަޖިލީހުގެ މުއައްޒިފުންގެ "ގަޔަށް ބޮލަށް" އަރާ ހިސަބަށް ދާކަށް ނުޖެހޭ ކަމަށާއި ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތްތަކަށް ހުރަސް އަޅާ ބައެއް ގޮތުގައި ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަމދު ނިހާން ހުސެން މަނިކު ވަނީ އިދިކޮޅު ފަރާތްތައް ސިފަ ކުރައްވާފަ އެވެ.

މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިނުވާން ނިންމާފައިވާ އިރު، މިދިޔަ ދައުރުގެ ޖަލްސާތަކުން ފެށިގެން އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅޭ ބިލުތަކަށް ވޯޓެއް ނުދެއްވަ އެވެ.