ސިއްހަތު

ބަލިމީހުންނަށް ބޭނުންވަނީ އަރާމު، އެންޓިބަޔޮޓިކެއް ނޫން

އިނގިރޭސިވިލާތުގެ ސިއްހީ މާހިރުން ގަބޫލުކުރައްވާ ގޮތުގައި ގިނަ ބަލިމީހުންނަށް އެންޓިބަޔޮޓިކް ދިނުމަށް ވުރެ އެމީހުން އަރާމުކުރަން ގެއަށް ފޮނުވައިލުން މާ ރަނގަޅެވެ.

ޕަބްލިކް ހެލްތު އިންގްލޭންޑް ( ޕީއެޗްއީ) ބުނެފައި ވަނީ ޑޮކްޓަރުން އެންޓިބަޔޮޓިކް ލިޔެދޭ ފަހަރުތަކުގެ ތެރެއިން ފަސްބައިކުޅަ އެއްބަޔަކީ ބޭކާރު ގޮތުގައި އެފަދަ ބޭސްތައް ލިޔެދޭ ފަހަރުތަކެވެ. އެއީ ވަރަށް ގިނަ ބަލިތަކަކީ އަމިއްލަ ޒާތުގައި ރަނގަޅުވާ ބަލިތައް ކަމަށްް ވާތީއެވެ.
އަދި ބޭކާރުގޮތުގައި، އެކަށީގެންނުވާހާ ގިނައިން އެންޓިބަޔޮޓިކް ބޭނުންކުރުމުގެ ނަތީޖާއަކީ ބޭހަށް ނުގުޑާ' ސުޕަ ބަގްސް' އަށް، ބައެއް ބެކްޓީރިއާތައް ބަދަލުވުމެވެ.

އަންދާޒާ ކުރެވިފައިވާ ފޮތުގައި :

ބޭހަށް ނުގުޑާ އިންފެކްޝަންތަކުގެ ސަބަބުން އިނގިރޭސިވިލާތުގައި އަހަރަކު 5000 މީހުން މަރުވޭ
ލޭގެ ތެރެއަށް އީކޮއިލް ފެތުރޭ ކޮންމެ 10 ހާލަތަކުން ހަތަރު ހާލަތަކީ އެންމެ ފުރަތަމަ ދޭ އެންޓިބަޔޮޓިކް އަކަށް ނުގުޑާ ހާލަތްތައް
ދެހާސް ފަންސާސް ވަނަ އަހަރާ ހަމައަށް ދާއިރު ކެންސަރު ބަލީގައި މަރުވާ މީހުންނަށް ވުރެ ގިނަ މީހުން މަރުވާނެ ކަމަށް ބެލެވެނީ ބޭހަށް ނުގުޑާ އިންފެކްޝަންތަކުގެ ސަބަބުން

އެންޓި ބަޔޮޓިކް މުހިއްމުވާ ބައެއް ބަލިތައް އެބަހުއްޓެވެ. އެއީ ސެޕްސިސް، ނިއުމޯނިއާ އަދި ބެކްޓީރިއަލް މެނިންޖައިޓިސް އާއި އެނޫންވެސް އެފަދަ ވަރުގަދަ އިންފެކްޝަންތަަކެވެ. އެކަމަކު ޕީއެޗްއީން ބުނަނީ ބަލިވާ ކޮންމެ ފަހަރަކީ އެންޓިބަޔޮޓިކް ދޭން ޖެހޭނެ ފަހަރެއް ނޫނެވެ.

މިސާލަކަށް ކެއްސުމާއި ބްރޮންކައިޓިސް އަމިއްލަ ޒާތުގައި ރަނގަޅުވާން ހޭދަވަނީ ތިން ހަފުތާއެވެ. އެންޓި ބަޔޮޓިކް ބޭނުންކުރިޔަސް އެ މުއްދަތުން އުނިވާނީ އެންމެ ދެ ދުވަހެވެ.

" އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ދުވަހުން އެކި ދުވަސްވަރު އިންފެކްޝަންތައް ޖެހެމުންދޭ އަދި ދިފާއީ ނިޒާމުގެ ސަބަބުން އެކަންކައްނ ރަނގަޅުވަމުންދޭ،" ޕީއެޗްއީގެ މެޑިކަލް ޑައިރެކްޓަރް ޑރ. ޕައުލް ކޮސްފޯޑް ބީބީސީއަށް ވިދާޅުވެފައި ވެއެވެ.

އޭނާ އިރުޝާދު ވިދާޅުވެފައި ވަނީ އެންޓިބަޔޮޓިކް ދޭނެ ކަމަށް ބަލައިގެން ބަލިމީހުން ޑޮކްޓަރަށްދާން ނުޖެހޭނެ ކަމަށެވެ. އަހަރެމެންގެ ހަށިގަނޑުން އަމިއްލައަށް ކުރިމަތިލެވޭ ފަދަ އިންފެކްޝަންތައް ޖެހުމުން ކުރަން އެނާ އިރުޝާދު ދެއްވަނީ:

ގިނަައިން އަރާމުކުރުން

ޕެރަސެޓްމޯލް ފަދަ ( ތަދުކަނޑުވާ އާދައިގެ ) ބޭހެއް ބޭނުންކުރުން
ގިނައިން ދިޔާތަކެތި ބޭނުންކުުރުން

އޭނާ ވިދާޅުވެފައި ވަނީ އެެންޓިބަޔޮޓިކް ކޮންމެހެން ދޭން ޖެހޭ ހާލަތްތައް ޑޮކްޓަރުންނަށް އެނގިވަަޑައިގަންނަވާނެ ކަމަށެވެ.

" ހަގީގަތަކީ އެންޓިބަޔޮޓިކް ކޮންމެހެން ބޭނުންކުރަން ނުޖެހޭ އިންފެކްޝަނަކަަށް އެންޓިބަޔޮޓިކް ބޭނުން ކުރުމުން، ކުރިއަށް އޮތް މަސްތަކުގައި ބޭހަށް ނުގުޑާ އިންފެކްޝަނެއް ޖެހުމުގެ ފުރުސަތު ބޮޑުވާނެކަން،" އޭނާ ވިދާޅުފައި ވެއެވެ.