ވިޔަފާރި

މި އަހަރުގެ ފުރަތަމަ ކުއާޓާގައި މީރާއަށް ލިބުނު އާމްދަނީ 33.6 ޕަސެންޓް އިތުރުވެއްޖެ

Apr 27, 2015

މި އަހަރުގެ ފުރަތަމަ ކުއާޓާ (ފުރަތަމަ ތިން މަސް ދުވަހު) މީރާއަށް ލިބުނު އާމްދަނީ 33.6 ޕަސެންޓް އިތުރު ވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކުރި ފުރަތަމަ ކުއާޓާގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި މީރާއަށް 3.72 ބިލިއަން ރުފިޔާ ލިބިފައިވަނީ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 2.78 ބިލިއަން ރުފިޔާ އެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 1.2 މިލިއަން ރުފިޔާ އެވެ. އަދި ބީޕީޓީގެ ގޮތުގައި ފުރަތަމަ ކުއާޓާގައި 982 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 776 މިލިއަން ރުފިޔާ އެވެ.

ޓޫރިޒަމް ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު 328 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 259 މިލިއަން ރުފިޔާ އެވެ.