ލައިފްސްޓައިލް

ހާޓް އެޓޭކުން އަންހެނުންނާއި ފިރިހެނުންނަށް އަސަރުކުރާ ގޮތް ތަފާތު

Oct 29, 2017

ހަށިގަނޑުގެ ދުޅަހެޔޮ ކަމަށް ބަލާއިރުވެސް އަންހެނުންނައި ފިިރިހެނުން ތަފާތެވެ. އެގޮތުން ބައެއް ބަލިތަކުގެ އަލާމާތްތައްވެސް އަންހެނުންނާއި ފިރިހެނުން ތަފާތެވެ. ހާޓް އެޓޭކަކީ އެއިން އެއް ބައްޔެވެ. ހާޓް އެޓޭކެއް ޖެހުމުގެ ކުރިން އަންހެނުންނާިއ ފިރިހެނުންގެ ފަރާތުން ފެންނަ އަލާމާތްތައް ތަފާތުއިރު ހާޓްއެޓޭކަށްފަހުވެސް އަންހެނުންނާއި ފިރިހެނުންގެ ފަރާތުން ފެންނަ އަލާމާތްތައް ތަފާތު ކަމަށް ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.

އެ ދިރާސާ ހަދާފައިވަނީ ޖަރުމަނުގެ ޓެކްނިކަލް ޔުނިވާސިޓީ އޮފް މުރިޗް (ޓީޔޫއެމް) އިން 4،100 ބައިވެރިން ހިމަނައިގެންނެވެ. އެ ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި ހާޓް އެޓޭކް ޖެހޭތާ އަހަރެއްގެ ތެރޭގައި ހާޓް އެޓޭކް ޖެހޭ އަންހެނުން މަރުވުމުގެ ފުރުސަތު ފިރިހެނުންނަށްވުރެ 1.5 ގުނަ އިތުރެވެ. އެހެން ކަމުން ހާޓް އެޓޭކް ޖެހޭތާ ފުރިހަމަ އެއް އަހަރުގެ ތެރޭގައި އަންހެނުންނަށް ދޭ އަޅާލުމާއި އެއްބާރުލުން އިތުރުކުރަން ޖެހޭ ކަމަށް ދިރާސާ ހެދި ޓީމުން ބުނެފައިވެ އެވެ.

"ހާޓް އެޓޭކް ޖެހުމަށްފަހު ސަލާމަތްވާ އަންހެނުންނަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ، ވަކިން ހާއްސަކޮށް އެއީ ޑިޕްރެޝަން ފަދަ ބައްޔެއް ހުންނަ މީހެއް ނަމަ، ގަވާއިދުން ސްޕެޝަލިސްޓަކަށް ދައްކާ ތެރަޕީތައް ނެގުން މުހިންމު،" އެ ޓީމުގައި ހިމެނޭ ޕްރޮފެސާ ޖީޖް ޝިމިދް ވިދާޅުވެފައިވެ އެވެ.

ހާޓް އެޓޭކަށްފަހު އަންހެނުންގެ ކިބައިން ފެންނަ އަލާމާތްތައް ތަފާތުވަނީ ލޭ ހޮޅިތައް ހިމަވުމުގެ ސަބަބުން ކަމަށްވެ އެވެ. އަދި ފިރިހެނުންނަށްވުރެ ފަސޭހައިން އަންހެނުންނަށް އެހެނިހެން ބަލިތައް ޖެހޭތީ ކަމަށްވެސް އެ ޓީމުން ބުނެފައިވެ އެވެ. އަދި އަންހެނުންނަށް އާންމުކޮށް ހާޓް އެޓޭކް ޖެހެނީ އުމުރުން ދުވަސްވުމުން ކަމަށެވެ. އޭގެ އިތުރުން އެ މީހުންނަށް ޑައިބެޓިސް ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ބުނެފައިވެ އެވެ.

ހާޓްއެޓޭކް ޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި ކަރުގައި ނުވަތަ ހިރުގަނޑުގައި ރިއްސުން ހިމެނެ އެވެ. ބައެއް ފަހަރު އެއްވެސް އަލާމާތެއް ނުފެނިވެސް ހާޓް އެޓޭކް ޖެހެ އެވެ.