ހަބަރު

"މަރުގެ އަދަބު ތަންފީޒު ކުރާނަން، އުފާވާނީ އަފްރާޝީމްގެ ގާތިލުންނަށް މަރުގެ އަދަބު ދެވުމުން"

Apr 27, 2015

އެންމެ އުފާވެ ވަޑައިގަންނަވާނީ ޑރ. އަފްރާޝީމް އަލީގެ މަރުގެ ގާތިލުން ހޯދައި އެ ބަޔަކަށް މަރުގެ ހުކުމް ތަންފީޒު ކުރެވުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިއަދު މިމޭރުމުން ވާހަކަފުޅު ދެއްކެވީ އަފްރާޝީމްގެ އަވަހާރަކޮށްލުމާ ގުޅޭ ގޮތުން ރައީސް ޔާމީންގެ އިސްތަށިފުޅުގައި ވެސް އެ ތުހުމަތުތައް އަޅުވަމުންދާ ދުވަސްވަރެއްގަ އެވެ.

މުލީއާ ގޭގައި ޕީޕީއެމަށް މެންބަރުންތަކެއް ސޮއިކުރަން ބޭއްވި ހަފުލާއެއްގައި ރައީސް ޔާމީން ވިދާޅުވީ ކޯޓަކުން ހުކުމެއް ކޮށްފިނަމަ އެ މަނިކުފާނުގެ ސަރުކާރުން އެއްވެސް އިސްތިސްނާއެއް ނެތި ތަންފީޒު ކުރައްވާނެ ކަމަށާއި އެންމެ އުފާވެ ވަޑައިގަންނަވާނީ އަފްރާޝީމްގެ ގާތިލުން ހޯދައި އެ ބައެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރެވުމުން ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބޭގޮތުން ހައިކޯޓުން މައްސަލަ ނިމި ސުޕްރީމް ކޯޓުން މައްސަލަ ނިމި ގާތިލުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރެވޭ ހިސާބަށް މިއަހަރު ނިމެންވާއިރަށް ދާނެ،" ރައީސް ވިދާޅުވި އެވެ.