ހަބަރު

އިސްތިއުފާއެއް ނުދޭނަން، މަޝްވަރާ ވެސް ކުރަން ޖެހޭ ކަމެއް ވެސް ނެތް: ރައީސް

އިދިކޮޅު ފަރާތްރަކުން ހިންގާ ކަންތައްތަކުގެ ސަބަބުން އިސްތިއުފާ ދެއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެ މީހުން ކުރަނީ މަޝްވަރާ ވެސް ކުރަން ޖެހޭ ކަހަލަ ޑިމާންޑްތަކެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއަށް ކައުންސިލަރުންތަކެއް ސޮއި ކުރުމަށް މިއަދު މުލިއާގޭގައި ބޭއްވި ހަފްލާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިހާރު ހިންގާ ކަންތައްތަކުގެ އަސްލަކީ، އެމީހުންނާ ގުޅުން ހުރި ފަރާތްތަކާއި އޭގެ ތެރޭގައި ހިމެނޭ ބައެއް ފަރާތްތަކުގެ މައްސަލަތައް ޝަރުއީ އެކި މަރުހަލާތަކުގައި ހުރުމުން އެކަމުގެ ސަބަބުން ލިބިދާނެ އަދަބަކުން ސަލާމަތްވުން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އެދެމުން ދަނީ އެފަދަ މައްސަލަތަކަށް ސަރުކާރުން ނުފޫޒު ފޯރުވަން ކަމަށެވެ. ނަމަވެސް އެއީ ސަރުކާރަކަށް ކޮށްދެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން ގާނޫނުގެ ހުކުމް ދަމަހައްޓާނެ އެވެ. އަދި އެ ނޫން ގޮތަކަށް އަމަލު ކުރުމަށް ކިތަންމެ ވަރަކަށް ގޮވި ނަމަވެސް، ސަރުކާރަށް އަންނާނެ ޕްރެޝަރެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"އެހެން ވީމާ އަޅުގަނޑު ނުޖެހޭ އިސްތިއުފާ ދޭކަށް. އަދި އެބޭފުޅުން ގޮވާ ކަންކަމުގައި މަޝްވަރާ ކުރާކަށް ވެސް. އަޅުގަނޑުމެން މިތިބީ ގާނޫނީ އިމުގެ ތެރޭގައި. އެބޭފުޅުން ގޮވަމުން އެ ގެންދަވަނީ ސަރުކާރު ގާނޫނީ އިމުން ބޭރުވާން. އެކަމަކު އަޅުގަނޑުމެން އެކަމެއް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މޭ 1ވަނަ ދުވަހަކީ ރާއްޖޭގައި ގާނޫނީ ބާރުވެރި ކަމާއި ގާނޫނީ ސަރުކާރު ދެމި އޮންނާނެކަން ސާބިތުވެގެން ދާނެ ދުވަހެކެވެ. އަދި ދުވަހު އެމަނިކުފާނު ވެސް ހުންނަވާނީ ބަލަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުން އެމަނިކުފާނު އިންތިހާބު ކުރީ ފަސް އަހަރުގެ ދައުރަކަށެވެ. އަދި އެ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށާއި އެ މުއްދަތުގައި އަމަލުކުރި ގޮތް ކަމު ނުދާނަމަ، އެކަން ނިންމާނީ ރައްޔިތުން 2018 ގައި ނަގާ ވޯޓްގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އޭގެ ކުރިން އަޅުގަނޑު ނުޖެހޭ އިސްތިއުފާދޭކަށް. އަނެއްކާ ވެސް 2018 ގައި ރައްޔިތުން ވޯޓުން އެކަން ނިންމާނީ،" ރައީސް ވިދާޅުވި އެވެ.