ލައިފްސްޓައިލް

ބެސްޓް ފުރެންޑެއް ވެސް މުހިންމު!

Nov 4, 2017
1

"އަހަރުމެން ދެ މީހުން ކައިވެނި ކުރާނީ އެއް ގެއެއްގެ ދެ މީހުންނާ ދޯ، އޭރަށް އަބަދުވެސް މިހެން އެކީގައި އުޅެވޭނެ،" މިއީ މީގެ އެތައް އަހަރެއް ކުރިން އެ އަންހެން ކުއްޖާ އާއި އޭނާގެ ބެސްޓު ފްރެންޑާ ދެ މީހުން ދައްކާ ވާހަކަ އެވެ. ސްކޫލްގައި އުޅުނު އިރު އެވެ. ދުވާލުގެ ބޮޑުބައެއް ހޭދަކުރީ އެކުގަ އެވެ. އެކަކު އަނެކަކުގެ ހުރިހާ ސިއްރެއް އެނގެ އެވެ. މިއީ ފުރާވަރަށް އަރައިގެން އަންނަ އިރު ހުރިހާ ކުދިން ކަހަލަ ގޮތަކަށް ދައްކާ ވާހަކަ އެކެވެ.

އެހެން ނަމަވެސް މަތީ ތައުލީމަށް ދާ ހިސާބުން ދެ މީހުންގެ ގުޅުން ނިމުމަަކަށް އަންނަނީ އެވެ. ނުވަތަ ކޮންމެވެސް އެކަކު ކައިވެނިކޮށް ދިިރިއުޅުމެއް ފެށުމުން ދެ މީހުންގެ ދެމެދަށް ދުރުކަމެއް އަންނަނީ އެވެ. އެހާ ހިސާބުން ދުވަހަކުވެސް ވަކި ނުވާނެ ކަމަށް ބުނެ ގާތް އެކުވެރިކަން އުފައްދަން މަސައްކަތް ކުރާ އެހެން މީހުންނާ ވެސް ދުރުވެވެނީ އެވެ. ހަގީގަތުގައި ގާތް އެކުވެރިޔާއަށް ކުރި އިތުބާރު ދެވަނަ މީހަކަށް ކުރަން ޖެހިލުންވަނީ އެވެ. ހުރިހާ ސިއްރެއް އެނގިހުރެމެ އެންމެ ގިނަ ދުވަހު އެކީގައި އުޅުނު އެކުވެރިޔާ ގެއްލުމުން އެހެން މީހަކަށް އިތުބާރު ކުރާނީވެސް ކިހިނެއް ހެއްޔެވެ؟

އެހެންކަމުން އަމިއްލަ ކަންކަމުގައި އެހެން މީހެއްގެ ހިޔާލެއް މަޝްވަރާއެއް ނުހޯދެ އެވެ. ކޮންމެ ނިންމުމެއްވެސް ނިންމަނީ އަމިއްލަ އަށް ވިސްނުނު އެންމެ ރަނގަޅަކަށެވެ. ކަމަކާ ދެރަވެ ހާސްވެ ނުވަތަ ކަންބޮޑުވިޔަސް އެހެން މީހަކާ ހިއްސާނުކޮށް އަމިއްލަ ހިތުގައި ރައްކާކޮށްލައިގެން ހުންނަނީ އެވެ. ދެން މީހާ ހުށަހެޅެނީ ޑިޕްރެޝަނަށެވެ.

އެހެން ނަމަވެސް ސައިންސްވެރިން ބުނަނީ ކަންކަމުގައި އެހެން މީހުންނަށް މަޝްވަރާކުރާށޭ އެވެ. އެއީ ސިއްހަތަށް ފައިދާހުރި ކަމެއްގެ އިތުރުން އެންމެ ރަނގަޅު ހިޔާލާއި މަޝްވަރާތައްވެސް ލިބޭނެތީ އެވެ.

އަމިއްލައަށްވެސް އިހުސާސް ކުރެވޭނެ އެވެ. ކަމެއް ދިމާވެގެން އެކަމާ އެތައް ދުވަހެއް ވަންދެން ވިސްނިޔަސް ނުނިންމޭ އެތައް ރަނގަޅު ނިންމުމަކާއި ހިޔާލެއް ރައްޓެއްސަކާއި މަޝްވަރާކޮށް ވާހަކަ ދައްކާލުމުން ދޭނެ އެވެ. އަމިއްލަ ދިރިއުޅުމުގައި ނުވަތަ މަސައްކަތުގެ މާހައުލުންވެސް ކަމެއްދ ދިމާވެއްޖެނަމަ ގާތް މީހަކާއި ވާހަކަ ދައްކަންވީ އެހެންވެގެންނެވެ. އެއީ އެހެން މީހެއްގެ ނަޒަރުން އެ މައްސަލަ އަށް ހައްލު ލިބޭނެތީ އެވެ. ގާތް އެކުވެރިއެއް ނުވަތަ ބެސްޓު ފުރެންޑެއް މުހިންމީ އެހެންވެގެންނެވެ. އިތުބާރު އޮންނާނެތީ އެވެ.

ޖާނަލް ސައިކޮލޮޖިކަލް ސައިންސްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ އަމިއްލަ ނަޒަރުން ބޭރުވެ އެހެން މީހުންގެ ނަޒަރުން މައްސަލަތައް ހައްލުކުރަން އެހީ ހޯދާ މީހުންނަށް މައްސަލަތަކުގައި ރަނގަޅު ހައްލުތައް ހޯދޭ ކަމަށެވެ. އެއީ މީހާ މޯޓިވޭޓް ވާނެ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.