ހަބަރު

މަޖިލީހަށް ފާރިޝް އިންތިހާބު ކުރުމަކީ ރައީސް ޔާމީނަށް ލިބޭ އިތުރު ބާރެއް: މައުމޫން

Apr 27, 2015

ދިއްގަރު ދާއިރާގެ ގޮނޑިއަށް އަހުމަދު ފާރިޝް މައުމޫން އިންތިހާބު ވުމަކީ ސަރުކާރަށާއި ރައީސް އަބްދުﷲ ޔާމީންގެ ތަރައްގީގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދަން ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި އެ ޕާޓީގެ އިސް ލީޑަރުން ފާރިޝް މައުމޫނާއެކު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސް މައުމޫން ވިދާޅުވީ ޕާޓީ ނިޒާމެއްގައި އޮންނަ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޕާޓީއަކުން ގިނަ މެންބަރުން އިންތިހާބުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެހެން ކަމުން ދިއްގަރު ދާއިރާގެ ގޮނޑި ކޮންމެހެން ވެސް ޕީޕީއެމްގެ ކެންޑިޑޭޓް ފާރިޝް މައުމޫނަށް ކާމިޔާބުކޮށް ދިނުން މުހިންމު ކަމަށެވެ. އަދި އެކަމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު އެދެނީ ހުރިހާ ބޭފުޅުން މަސައްކަތް ކުރައްވައިގެން ފާރިޝް ހޮއްވައިދެއްވުމަށް. ފާރިޝް އަށް މި އިންތިހާބު ކާމިޔާބު ވުމަކީ ޕީޕީއެމަށާއި ސަރުކާރަށް އަދި ރައީސް ޔާމީންގެ ތަރައްގީގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށް ލިބޭ ބާރަކަށް،  ޕާޓީގެ ފުރިހަމަ ތާއީދު ކުރިން ވެސް މިހާރުވެސް ރައީސް ޔާމީނަށް އެބައޮތް،" ރައީސް މައުމޫން ވިދާޅުވި އެވެ. "މި އިންތިހާބު ފާރިޝް އަށް ކާމިޔާބުވުން ވެގެންދާނީ ދިއްގަރު ދާއިރާގެ ކުރިއެރުމަށާއި ތަރައްގީއަށް ވެސް ލިބޭ ބާރަކަށް،"

މިއަދުގެ ނިއުސް ކޮންފަރެންސްގައި ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު އަދީބު ވިދާޅުވީ ޕީޕީއެމް ދިއްގަރު ދާއިރާގެ ޕްރައިމަރީން ފެނިގެންދިޔައީ ފުރިހަމަ ޑިމޮކްރަސީ ކަމަށާއި އަދި ޕީޕީއެމްގައި ކޮންމެ ޒުވާނަކަށް ވެސް ފުރުސަތު އޮތްކަން ސާބިތުވި ކަމަށެވެ.

އަދީބު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަގުމަތީގައި އުޅޭ އުޅުން މިއަދު އުޅެވެނީ ރައީސް މައުމޫން ގެނެސްދެއްވި ޑިމޮކްރަސީގެ ތެރެއިން ކަމަށާއި އިދިކޮޅު ފަރާތްތަކުން މަގުމަތީގައި ހިންގާ ހަރަކާތާމެދު ޕީޕީއެމާއި ސަރުކާރުގެ ހާސް ކަމެއް ނެތް ކަމަށެވެ. އަދި އިދިކޮޅު އޮތީ ހާވިޔާ ވެފައި ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން  ދިއްގަރު ދާއިރާގެ އިންތިހާބު ތަފާތު ބޮޑުކޮށް ކާމިޔާބު ކުރާނަން. އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން،"

މި ނިއުސް ކޮންފަރެންސްގައި ފާރިޝް މައުމޫން ވިދާޅުވީ ޕީޕީއެމުން ދިއްގަރު ދާއިރާގެ ޕްރައިމަރީން ޕާޓީގެ ބަދަހި ކަމާއި ބާރު ދައްކައިދިން ކަމަށާއި އަދި މިއަދު ފެނުނު މަންޒަރާއެކު މި އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމަށެވެ. މިއަދުގެ ވަގުތެއްގައި އޭނާގެ ކެންޑިޑޭސީ ފޯމް އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ.