ހަބަރު

ކުރީގެ ސްޓޭޓް މިނިސްޓަރެއްގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފި

Apr 27, 2015

ގަވާއިދާ ޚިލާފަށް ބަޔަކަށް ވަޒީފާދިން ކަމަށް ބުނެ މަތި ދެކުނު ޕްރޮވިންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރު މއ. ތިނަދޫގޭ އުމަރު ޖަމާލުގެ މައްޗަށް ކުރި ކޮރަޕްޝަންގެ ދައުވާ ސާބިތުނުވާ ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އުމަރުގެ މައްޗަށް ދައުވާކުރީ އޭނާ މަތި ދެކުނު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރަކަށް ހުރިއިރު 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ސިވިލް ސާވިސް ކޮމިޝަނާއި ހޯމް މިނިސްޓްރީގެ ހުއްދަ ނެތި އެ ޕްރޮވިންސްގެ އޮފީހަށް ކޮންޓްރެކްޓް އުސޫލުން 17 މީހަކަށް ވަޒީފާދިން ކަމަށް ބުނެއެވެ.

ކޯޓުން މިއަދު ކުރި ހުކުމުގައި އެ ދައުވާއަށް އުމަރު އިންކާރުކޮށްފައިވާއިރު އެ ދައުވާ ސާބިތުކުރަން ހުށަހެޅި ކިތާބީ ހެކިތަކަށް ބަލާއިރު އޭނާގެ މައްޗަށް ދައުލަތުން އުފުލި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާ ސާބިތުވާ މިންވަރަށް ހެކި ނެތް ކަމަށެވެ. އެހެންވެ އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.