ހަބަރު

އެމްބީސީ އުވާލައި އާ ޕަބްލިކް ސާވިސް މީޑިއާއެއް އުފެއްދުމުގެ ބިލް މަޖިލީހުން ފާސްކޮށްފި

Apr 27, 2015
1

ދައުލަތުގެ މީޑިއާ މިހާރު ހިންގަމުން އަންނަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އުވާލައި އާ ކުންފުންޏެއް އުފައްދަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ޕަބްލިކް ސާވިސް މީޑިއާގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ބިލް ފާސްވީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި، 45 މެންބަރުންގެ ތެރެއިން 41 މެންބަރުންގެ ވޯޓުންނެވެ. އެ ބިލް ފާސްކުރުމާ ދެކޮޅަށް ހަތަރު މެންބަރަކު ވޯޓު ދެއްވި އެވެ. އެ ބިލް ގާނޫނަކަށް ވެ އަމަލު ކުރާނީ ރައީސް ތަސްދީގު ކުރެއްވުމާ އެކު އެވެ.

އެ ބިލްގައި ބުނެފައިވާ ގޮތުން ބިލް ގާނޫނަށް ވުމާއެކު މިހާރު އަމަލު ކުރަމުން އަންނަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ގާނޫނު އުވޭނެ އެވެ. އަދި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އެމްބީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މަގާމުގެ ގާނޫނީ ހައިސިއްޔަތު ވެސް ނިމުމަކަށް އަންނާނެ އެވެ..

މީގެ އިތުރުން އެ ބިލްގައި ވަނީ އެ ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާގެ ގަވަނިންގް ބޯޑު އެކުލަވާލައި ބޯޑުގެ އިސް މަގާމުތަކަށާއި ޕަބްލިކް ސާވިސް ހިންގުމުގެ އެންމެ އިސް މަގާމުތަކަށް އެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މީހުން އައްޔަން ކުރަން ޖެހޭނެ ކަމަށެވެ. އަދި މިހާރު އަމަލު ކުރަމުން ގެންދާ އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި އެ ގާނޫނާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އެއްވެސް އުސޫލަކާ ތައާރަޒުވާ އުސޫލެއް ނުވަތަ މާއްދާއެއް ވާނަމަ އެ ގަވާއިދެއް ނުވަތަ އުސޫލެއް އެ ގާނޫނާ ތައާރަޒުނުވާ މިންވަރަކަށް އަދި އެ ގާނޫނުގެ ބޭނުމަށްްޓަކައި ބާތިލް ވެގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްބީސީ އުވާލައި އާ ކުންފުންޏެއް އުފެއްދުމުގެ ބޭނުމަކީ އިންޓަނެޓްގެ ޒަރިއްޔާއިން އުފެދިގެން އަންނަ ނިއު މީޑީއާގެ އެންމެހާ ވަސީލަތްތަކާ ޕްރިންޓް މީީޑިއާ އަދި ހަބަރާއި މައުލޫމާތާ ހޭލުންތެރިކަމާ މުނިފޫހިފިލުވުން ފޯރުކޮށްދޭ އެހެން ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ދިވެހި ދައުލަތުގެ ބަޖެޓުގެ ހަރަދުކޮށްގެން ހިންގާ ވަރުގަދަ އަދި ހަރަދަނާ ގައުމީ މީޑިއާއެއް ބިނާކުރުން ކަމަށް ބިލްގައި ބުނެފައިވެ އެވެ.