ހަބަރު

ޖަލުތަކުގައި ކަރެކްޝަންސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕުގެ ތަމްރީންތަކެއް ފަށައިފި

Apr 27, 2015

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕްގެ ހާއްސަ ތަމްރީންތަކެއް ޖަލުގައި ފަށައިފި އެވެ.

ކަރެކްޝަންސް އިން ބުނީ މި ތަމްރީންތަކުގައި ކްރައުޑް ކޮންޓްރޯލްކުރާ ގޮތާއި އިމަޖެންސީ އެކި ހާލަތްތަކުގައި މަސައްކަތްކުރާނެ ގޮތުގެ ހުނަރު އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ކަރެކްޝަންސްގެ ތަމްރީންތައް އައްސޭރި ޖަލާއި މާފުށީ ޖަލާއި މާލޭ ޖަލުގައި ވެސް ދަނީ ހާއްސަ ތަމްރީންތައް ހިންގަމުންނެވެ.

ކަރެކްޝަންސް އިން ބުނީ ޖަލުތަކުގައި މިހާރު މަސައްކަތްކުރާ ހުރިހާ އޮފިސަރުންނަކީ ވެސް ޖަލު ބެލެހެއްޓުމުގެ ތަމްރީން ރާއްޖެެއިން ބޭރުގައި ހަދާފައިވާ މީހުން ކަމަށެވެ. މި އޮފިސަރުންގެ މައްޗަށް އެކުލެވޭ އިމަޖެންސީ ސަޕޯޓް ގްރޫޕް އުފެއްދިތާ ހަތް އަހަރު ވެފައި ވާއިރު ޖަލުތައް އިންތިޒާމް ކުރުމުގައި މި ގްރޫޕްގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

މި ތަމްރީންތައް ފަށާފައި ވާއިރު ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންގެ ހާއްސަ ތަމްރީންތަކެއް ވެސް ވަނީ ބާއްވައިފަ އެވެ. އަދި ސިފައިންނާއި ފުލުހުން ގުޅިގެން މިހާރު ދަނީ ކަނޑުމަތީގެ އުޅަނދުތަކުގެ ސަލާމަތީ ކަންކަން ހުރި ގޮތް ބެލުމަށް ވެސް އޮފަރޭޝަނެއް ހިންގަމުންނެވެ.