ލައިފްސްޓައިލް

ފިރިހެނުން އެކަނި ތިބެ ކަންޏާ މާބޮޑަށް ފަލަވޭ!

Nov 2, 2017

ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން އެކަނި ތިބެ ކެއުމަކީ ގިނަ މީހުންގެ ކިބައިގައި ހަރުލާފައި ހުންނަ އާދަ އެކެވެ. ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ބައިވެރިޔާއާ އެކު ހުރިހާ ވަގުތެއްގެ ކެއުމުގައި ބައިވެރިއެއް ނުވެވެ އެވެ. ގޭގައި އުޅޭ ކޮންމެ މީހަކުވެސް ބަނޑުހައި ވުމުން ނުވަތަ ވަގުތެއް ވުމުން ކޮންމެވެސް ގޮތެއް ހަދައިގެ އެއްޗެއް ކާލަނީ އެވެ.

އެހެން ނަމަވެސް އެކަނި ތިބެ ކެއުމަކީ ސިއްހަތަށް މާ ފައިދާ ހުރި ކަމެއް ނޫނެވެ. އެއިން ލިބޭ ގެއްލުން އެބަހުއްޓެވެ. އޭގެ ތެރޭގައި އެކަނި ކާ މީހުން މާބޮޑަށް ފަލަވުން ނުވަތަ ބަރުދަން ހުންނަން ޖެހޭ މިންވަރަށްވުރެ އިތުރަށް ބަރުދަން އަރައިގެންދެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އަންހެނުންނަށްވުރެ ބޮޑަށް އެކަނި އިނދެ ކާނަމަ އޮބޭސިޓީ ނުވަތަ މާބޮޑަށް ފަލަވުމުގެ ފުރުސަތު ބޮޑީ ފިރިހެނުންނަށެވެ. އެގޮތުން އެކަނި އިނދެ ކާނަމަ މާބޮޑަށް ފަލަވުމުގެ 45 ޕަސަންޓު ފުރުސަތު ފިރިހެނުންނަށް އޮވެ އެވެ.

ދެކުނު ކޮރެއާގެ ދޮންގުކް ޔުނިވާސިޓީ އިލްސަން ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި އެކަނި ތިބެ ކާނަމަ ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލް މައްޗަށް ދިއުމާވެސް އޮންނަނީ ގުޅިފަ އެވެ.

ހަތްހާސް ހަތް ސަތޭކް ފަންސަވީސް މީހުން ބައިވެރިކޮށްގެން ހަދާފައިވާ އެ ދިރާސާއިން ދައްކާގޮތުގައި ގިނަވަގެން ދުވާލަކު ދެ ފަހަރު އެކަނި އިނދެ ކާނަމަ ސިއްހީ ނުރައްކާތައް ދިމާވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އެ މީހުންނަކީ ހުސްހަށިބައި، އެކަނިވެރި އަދި ގަޑިން ގަޑިއަށް ނުކެއުމުގެ އާދަ ގައިގައި އަށަގަތުމުގެ ފުރުސަތު ބޮޑު މީހުން ކަމަށްވެސް ސައިންސްވެރިން ވަނީ ބުނެފަ އެވެ.

އޮބޭސިޓީ ރިސާޗް އެންޑް ކްލިނިކަލް ޕްރެކްޓިސްގައި ޝާއިއުކޮށްފައިވާ ދިރާސާއެއް ދައްކާ ގޮތުގައި ދުވާލަކު ދެ ފަހަރަށްވުރެ ގިނައިން އެކަނި އިނދެ ކާ ފިރިހެންނަށް މެޓަބޮލިކް ސިންޑްރޯމް ޖެހުމުގެ ފުރުސަތު 64 ޕަސަންޓު އިތުރުވާ ކަމަށެވެ. މެޓަބޮލިކް ސިންޑްރޯމަކީ ޑައިބެޓިސް، ލޭ މައްޗަށް ދިއުން އަދި އޮބޭސިޓީ އެވެ. އަންހެނުންނަށް މެޓަބޮލިކް ސިންޑްރޯމް ޖެހުމުގެ ފުރުސަތު އޮންނަނީ 29 ޕަސަންޓުގަ އެވެ.

މެޓަބޮލިކް ސިންޑްރޯމަކީ ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމަށްވެސް މަގުފަހިކުރާނެ ކަމެކެވެ.