ލައިފްސްޓައިލް

ކޮފީ ބޯ މީހުން ކިޑްނީގެ ބަލިތަކާ ދުރު

Nov 6, 2017

ކޮފީ އިން ލިބޭ ފައިދާގެ ވާހަކަތައް ދައްކާނެ ކަމެއް ނެތެވެ. އެ ވާހަކަތައް ދައްކައިގެން ކޮފީ ބޯ މީހުން އިތުރު ކުރަން ވާހަކަތަކެއް ދައްކާކަށް ރާއްޖޭގައި ނުޖެހޭނެތީ އެވެ. ތެދަށް ބުނަންޏާ ކޮފީ ނުބޯ މީހަކު ރާއްޖޭގައި އުޅޭ ހެނެއް ހިއެއް ނުވެ އެވެ. އުޅުނު ނަމަވެސް އެ މީހުންގެ އަދަދު އިނގިލިން ގުނާލެވޭހާ މަދުވާނެ ކަން ޔަގީނެވެ.

ހަކުރު ބައްޔާ ދެކޮޅަށް ކޮފީ ރަނގަޅު ކަމަށް ދިރާސާތަކުން އެނގިފައިވެ އެވެ. ގަވާއިދުން ކޮފީ ބޯ މީހަކަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު 23 ޕަސެންޓާއި 50 ޕަސެންޓްގެ މިންވަރަކަށް ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ހަމަ އެގޮތަށް ގަވާއިދުން ކޮފީ ބޯ މީހުންނަށް ކިޑްނީގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކަމަށްވެސް ދިރާސާއަކުން މި ވަނީ ދައްކާފަ އެވެ. ޕޯޗުގަލްގެ ސެންޓްރޯ ހޮސްޕިޓަލުން ހެދި އެ ދިރާސާގައި ބައިވެރިވި ޑޮކްޓަރުން ބުނަނީ ކިޑްނީގެ ބަލިތައް ތަހައްމަލު ކުރަމުންދާ 2،328 މީހުން ބައިވެރިކޮށްގެން ހެދި އެ ދިރާސާގައި އެ މީހުން ކެފެއިން ބޭނުންކުރާ މިންވަރު ބަލާ ދެނެގަނެފައިވާނެ ކަމަށެވެ. އެގޮތުން ކެފޭން ބޭނުންކުރާ މިންވަރު މަދު މީހުންނަށް ކިޑްނީގެ ބަލިތައް ޖެހޭކަމަށެވެ.

އެ މީހުންގެ ތެރެއިން އެންމެ ގިނައިން ކޮފީ ބޯ ނުވަތަ ކެފެއިން ބޭނުންކުރާ މިންވަރު އިތުރު މީހުން އެމީހުން ކެފެން ބޭނުންކުރާ މިންވަރު ހުރީ 12 ޕަސަންޓާއި 24 ޕަސަންޓާ ދެމެދުގަ އެވެ. އެ މީހުން ކިޑްނީގެ ބޮޑެތި ބަލިތައް ޖެހުމާ ދުރުކަމަށް ވަނީ ދިރާސާގައި ފާހަގަކޮށްފަ އެވެ.

އެ ދިރާސާގައި ބައިވެރިކުރި މީހުންގެ އުމުރާއި، ޖިންސު، އާމްދަނީ ލިބޭ މިންވަރު، ދިރިއުޅުމުގެ ފެންވަރު އަދި ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރަށްވެސް ވަނީ އަޅުވާލާފަ އެވެ. އެގޮތުން ކެފެއިން ބޭނުންކުރާ މިންވަރު ގިނަ މީހުން ކިޑްނީގެ ބަލިތަކުގައި މަރުވުމުގެ ފުރުސަތު ކުޑަކަމަށް ވަނީ ދައްކާފަ އެވެ.