ވިޔަފާރި

ތައިލެންޑުގެ ބާޒާރުގައި މަހުގެ އަގު 16 ޕަސެންޓް މައްޗަށް

ރާއްޖޭން އެންމެ ގިނައިން ރޯމަސް އެކްސްޕޯޓު ކުރާ، ތައިލެންޑުގެ ބާޒާރުގައި މަހުގެ އަގު 16.2 ޕަސެންޓް މައްޗަށް ޖެހިލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ މަހު ތައިލެންޑުގެ ބާޒާރުގައި މަސް ޓަނެއްގެ އަގު ހުރީ 30,531.60 ރުފިޔާ އަށެވެ. ނަމަވެސް މިހާރު ހުރީ 35,466.00ރ. އަށެވެ. މިއީ 16.2 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖޭން މަސް އެކްސްޕޯޓު ކުރާ އެހެން ބާޒާރު ތަކަށް ބަލާއިރު ޖަޕާނުގެ ޓޯކިއޯ މެޓްރޮޕޮލިޓަލް ބާޒާރުގައި މިދިޔަ މަހު މަސް ޓަނެއް ހުރީ 211.95ރ. އަށެވެ. ނަމަވެސް މިދިޔަ ހަފުތާގައި ހުރީ 312.58ރ. އަށެވެ. މިއީ 47.5 ޕަސެންޓް އިތުރުވުމެކެވެ. އަދި ސްޕެއިންގެ ބާޒާރުގައި މިދިޔަ ހަފުތާގައި ހުރީ 156.22ރ. އަށެވެ. ނަމަވެސް މިހަފުތާގައިވަނީ 1.4 ޕަސެންޓުގެ ކުރިއެރުމާއެކު 153.97ރ. އަށް އުފުލިފަ އެވެ.

ދުނިޔޭގެ ބާޒާރުތަކުގައި މަހުގެ އަގު ބޮޑުވިއިރު، ދާދިފަހުން ސަރުކާރުގެ މަސް ކުންފުނިން ވެސް ވަނީ މަސް ގަންނަ އަގު ބޮޑުކޮށްފަ އެވެ. މި ބަދަލާއެކު ފިނި ނުކުރާ މަސް ކިލޯއެއް ރާއްޖޭގައި ގަންނަނީ 18ރ. އަށެވެ. އަދި އައިސް އަޅައިގެން ގެނައުމުން 20ރ. އަށް ގަނެ އެވެ.