އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫއު ފެށުުމުގެ ގޮތުން، އެއާޕޯޓްގައި ހުރި އިމާރާތްތައް ބަދަލު ކުރުމުގެ މަސައްކަތްތައް އެމްޓީސީސީ އިން މިއަދު ފަށައިފި އެވެ.
އެ ޕްރޮޖެކްޓް ފެށުމަށް އެއާޕޯޓްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ޗީފް އެކްޒެކެޓިވް އޮފިސަރު (ސީއީއޯ) އަބްދުރައްޒާގު ހަލީމް ވިދާޅުވީ 12 އިމާރާތެއް އެހެން ތަންތަނަށް ބަދަލު ކުރާނެ ކަމަށެވެ. އަދި ފަސް އިމާރާތެއް ވަގުތީ ގޮތުން އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލަށް އަޅާ އިމާރާތްތައް ހުންނާނީ، އެއާޕޯޓްގެ އިރުމަތީ ފަރާތުގައި ޖީއެމްއާރުން އާ ޓާމިނަލް ބިނާ ކުރި ސަރަހައްދުގައި ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ. އަދި އާ ޓާމިނަލް އަޅަން ޖީއެމްއާރުން އެ ސަރަހައްދުގައި އަޅާފައިވާ ބުޑުތައް ނަގައި އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ވެސް ކުރާނީ އެމްޓީސީސީންނެވެ. ރައްޒާގު ވިދާޅުވީ އަލަށް އިމާރާތްތައް ހަދާ ސަރަހައްދުގައި މަގުތަކާއި ނަރުދަމާގެ ނިޒާމެއް ގާއިމް ކުރާނެ ކަމަށެވެ.
އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫއުގެ ދަށުން އާ ޓާމިނަލްގެ މަސައްކަތް ކުރަނީ ޖަޕާންގެ ތައިސޭ ކުންފުނިންނެވެ. އަދި މި މަސައްކަތައް ފައިނޭންސް ކުރާނީ ޖޭޕެކުންނެވެ. ކޮންސަލްޓަންޓަކީ ސިންގަޕޫރުގެ ޗަންޖީ އެވެ. ރަންވޭ ބޮޑު ކުރުމުގެ މަޝްރޫއެއް ވެސް ހިންގުމަށް ވަނީ ރާވައިފަ އެވެ.