ހަބަރު

ރިސޯޓްތަކުގެ މުއްދަތު 99 އަހަރަށް އިތުރުކުރެވޭ އިސްލާހު ތަސްދީގު ކުރައްވައިފި

Apr 27, 2015

ރިސޯޓްތައް ކުއްޔަށް ދޭ މުއްދަތު 99 އަހަރަށް އިތުރު ކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް އެ ބިލަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެވެ.

ރައީސް މިއަދު ތަސްދީގު ކުރައްވައި އަމަލުކުރަން ފެށި އެ އިސްލާހުގައިވާ ގޮތުން ރިސޯޓް ހަދަން 50 އަހަރަށް ދޫކޮށްފައިވާ ރަށްތަކުގެ މުއްދަތު އިތުރު 49 އަހަރަށް އިތުރުކޮށްދެވިދާނެ އެވެ. ނަމަވެސް އެގޮތަށް މުއްދަތު އިތުރުކޮށްދެވޭނީ ފަސް މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމުންނާއި ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ނުވަތަ ފައިސާއެއް ނެތް ނަމަ ކަމަށް އެ އިސްލާހުގައިވެ އެވެ.

މީގެ އިތުރުން ރިސޯޓް ހަދާއިރު ތިމާވެށްޓާ ބެހޭ ކަންކަން ބެލެހެއްޓުން ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ގެންނަން ވެސް އެ އިސްލާހުގައި ހިމަނާފައިވެ އެވެ.