ވިޔަފާރި

މުހިންމު ގައުމުތަކުން ޓޫރިސްޓުން އިތުރުވެ، ހަތަރު ޕަސެންޓުގެ ކުރިއެރުން

  • ޔޫރަޕުން ޓޫރިސްޓުން އައި އަދަދު 8 ޕަސެންޓް އިތުރު
  • އިނގިރޭސިންނާއި ޗައިނާއިން އިން އަންނަ އަދަދު ދަށް
  • އިންޑިއާއިން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރަށް މައްޗަށް

ރާއްޖޭއަށް ޓޫރިސްޓުން އަންނަ މުހިންމު ބައެއް ގައުމުތަކުން އައި ޓޫރިސްޓުންގެ އަދަދު އިތުރުވެ، ޓޫރިޒަމަށް ހަތަރު ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ސެޕްޓެމްބަރު މަހުގެ ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ މަހު 105,984 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 101,909 މީހުންނާ އަޅާ ބަލާއިރު ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޔޫރަޕުން 40,014 މީހުން ޒިޔާރަތް ކުރި އެވެ. މިދިޔަ މަހު ޒިޔާރަތް ކުރީ 36,958 މީހުންނެވެ. މިއީ 8.3 ޕަސެންޓް އިތުރު އަދަދެކެވެ.

މުހިންމު ބައެއް ގައުމުތަކަށް ބަލާއިރު އިނިގިރޭސިވިލާތުން މިދިޔަ މަހު 7,499 މީހުން ޒިޔާރަތް ކުރި އެވެ. އެކަމަކު މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އައި 7,797 މީހުންނާ އަޅާބަލާއިރު 3.8 ޕަސެންޓް ދަށް ވުމެކެވެ. އެހެން ނަމަވެސް ރަޝިޔާ އިން މިދިޔަ މަހު އައި 3,522 ޓޫރިސްޓުންނަކީ، މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 2,990 މީހުންނާ އަޅާބަލާއިރު 17.8 ޕަސެންޓް އިތުރު އަދަދެކެވެ.

އިޓަލީން މި އަހަރުގެ 3,577 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު އައީ 3,172 މީހުންނެވެ. މިއީ 12.8 ޕަސެންޓް އިތުރު އަދަދެކެވެ. އަދި ޖަރުމަނުން މި އަހަރު 8,793 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 7,826 މީހުންނާ އަޅާބަލާއިރު 12.4 ޕަސެންޓް އިތުރު އަދަދެކެވެ.

ޓޫރިސްޓުން އައި އަދަދު ކުރުކޮށް

* އިނިގރޭސިވިލާތް: 7,499
* އިޓަލީވިލާތް: 3,577
* ޖަރުމަނުވިލާތް: 8,793
* ރަޝިޔާ: 3,522
* ޗައިނާ: 27,214
* އެމެރިކާ: 2,744
* އިންޑިޔާ: 6,788

އޭޝިޔާ އިން ގައުމުތަކުގެ ތެރެއިން ސެޕްޓެމްބަރު މަހު ވެސް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ގައުމުން 27,214 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 29,242 މީހުންނާ އަޅާބަލާއިރު 6.9 ޕަސެންޓް ދަށްވުމެކެވެ. ނަމަވެސް އޭޝިޔާއިން އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތް ކުރި އިންޑިޔާ އިން އައި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެ ގައުމުން ސެޕްޓެމްބަރު މަހު 6,788 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 5,009 މީހުންނާ އަޅާބަލާއިރު 35.5 ޕަސެންޓް އިތުރުވުމެކެވެ.

އެމެރިކާ ބައްރަށް ބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އެމެރިކާއެވެ. އެ ގައުމުން މި އަހަރު 2,744 މީހުން ޒިޔާރަތް ކުރި އެވެ. މިއީ މިދިޔަ އަހަރު އައި 2,668 މީހުންނާ އަޅާބަލާއިރު 2.8 ޕަސެންޓް އިތުރުވުމެކެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 38,132 އެނދު ރަޖިސްޓްރީކޮށްފައިވެ އެވެ.

ޓޫރިޒަމަށް ހަތަރު ޕަސެންޓުގެ ކުރިއެރުމެއް ސެޕްޓެމްބަރު މަހު ލިބުނުއިރު، މި އަހަރުގެ ނިޔަލަށް 1.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ. މި އަހަރުގެ ޓޫރިޒަމްގެ މޫސުން ފެށިފައިވާއިރު އިޓަލީ އާއި ޕެރިހުން ވަނީ ސީދާ ދަތުރުތަކެއް ރާއްޖެއަށް ފަށާފަ އެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1.2 މިލިއަން މީހުންނެވެ.