ހަބަރު

ބޭނުން ގޮތަކަށް މި ގައުމު އޮޔާ ދުއްވާލަން ސިފައިން ފުރުސަތެއް ނުދޭނެ: ޗީފް އޮފް ޑިފެންސް ފޯސް

Apr 27, 2015
1

ބަޔަކު މީހުން ބޭނުންހާ ގޮތެއް ހަދައި މި ގައުމު އޮޔާ ދުއްވާލަން ދޫކޮށްލައިގެން ދިވެހި ސިފައިން ނުތިބޭނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 123 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ގައުމެއްގެ މިނިވަންކަން ހިފަހައްޓައި ދަމަހައްޓަން ފަސޭހަ ނުވާނެ ކަމަށާއި އެއީ ހަމައެކަނި ސިފައިންނާ ފުލުހުންނަށް އެކަނި އޮތް ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ގައުމުގެ މިނިވަން ކަމާއި އިސްތިގުލާލާއި ސިޔާދު ދެމެހެއްޓުމަށްޓަކައި ސިފައިންނާއެކު އެންމެން ހިއްސާ ކުރަންޖެހޭނެ ކަމަށެވެ.

"ސިފައިންނަކީ ގައުމަށް ދިމާވާ ނުރައްކާތަކާއި ރައްޔިތުންނަށް ދިމާވާ ހިތާމައާ ދަތިން ސަލާމަތް ކޮށް ދިނުމުގައި ތިބި ބައެއް. ގައުމާއި ރައްޔިތުންނާއި ގައުމުގެ އިސްތިގުލާލު ދެމެހެއްޓުމަޢްޓަކައި ސިފައިން އަބަދު ވެސް ތިބޭނަން އެކަން މާޒީގައި ވެސް މިހާރުވެސް ދިވެހި ސިފައިން ވަނީ ސާބިތުކޮށްދީފައި،" ޝިޔާމް ވިދާޅުވި އެވެ.

މޭޖަ ޖެނެރަލް ވިދާޅުވީ ސިފައިން އަބަދުމެ ތިބެނީ ހެވި ކަމާއި ހަނގުރާމައިގެ މައިދާނުގައި ކަމަށާއި ސިފައިންގެ ހުވަޔާއި އަހުދާއި މަގުސަދާ އެކު ސިފައިން ދެމި ތިބޭނެ ކަމަށާއި މިއަދުގެ ސިފައިން މަސައްކަތް ފަށަން ޖެހިފައި ވަނީ ޑިއުޓީ ނިންމާލާފައި ދިއުމުގެ ކުރިން އަންނަން އޮތް ޖީލު ޑިސިޕްލިން ކުރުމުގެ މަސައްކަތް ކަމަށެވެ.

"ވަށައިގެން ހިނގާ ކަންކަމުގައި އަޑިންނާއި މަތިން މި މުއްސަސާގެ އަގު ވައްޓާލަން މަސައްކަތް ކުރޭ. އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ހޭލާ އެ ގޮތުގައި ތިބެ މި ގައުމު ސަލާމަތް ކުރުމުގައި ދެމި ތިބޭނަން. ބަޔަކު މީހުން ބޭނުންވާހާ ގޮތަކަށް މި ގައުމު އޮޔާ ދުއްވާލާކަށް ދުލެއް ނުކޮށްލާނަން،" މޭޖާ ޖެނެރަލް ވިދާޅުވި އެވެ.