ހަބަރު

ރައީސް ދޫކޮށްލާފައި ސިފައިންނެއް ނުދާނެ: މިނިސްޓަރު ޖަލީލު

Apr 27, 2015

ރައީސް އަބްދުﷲ ޔާމީން ދޫކޮށްލާފައި ސިފައިން ނުދާނެ ކަމަށް ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު މިރޭ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 123 ވަނަ އަހަރީ ދުވަހާ ގުޅިގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރިން ޗީފް އޮފް ޑިފެންސް ފޯސް ކަން ވެސް ކުރައްވާފައިވާ ޖަލީލު ވިދާޅުވީ ސިފައިން މަސައްކަތް ކުރަމުންދާނީ ގާނޫނީ ޒިންމާ އަދާ ކުރުމުގައި ގާނޫނީ އިމުގެ ތެރޭގައި ކަމަށާއި ރައީސް ދޫކޮށްލާފައި ސިފައިން ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ސިފައިންގެ ފަރާތުން ރައީސަށް ދޭ މެސެޖެއް ކަމަށް ވެސް ޖަލީލު ވިދާޅުވި އެވެ.

"ގާނޫނީ ޒިންމާ އަދާ ކުރުމުގައި ސިފައިންގެ ބަދަހި ސަފުތައް ފޫއަޅުލާވޭނެ ކަހަލަ އެއްވެސް ފުރުސަތެއް ދޭކަށް އަޅުގަނޑުމެން ސިފައިން ނެތީމޭ، މިއީ އަޅުގަނޑު ދޭން ބޭނުންވާ މެސެޖެއް އެންމެހައި ސިފައިންގެ ފަރާތުން،" ޖަލީލު ވިދާޅުވި އެވެ.

ޖަލީލު ވިދާޅުވީ ރާއްޖެއަށް ކުރިން ކުރިމަތިވެފައި ހުރި ހަމަލާތަކަށް ބަލާއިރު އެކަމުގައި ދިވެހިންގެ ތެރެއިން ބައެއްގެ އަތެއް އޮތްކަން އެނގޭ ކަމަށާއި އެހެންވެ އެކަމަށް ސަމާލުވާން ޖެހޭނެ އެވެ. ނަމަވެސް ސިފައިންގެ ފެންވަރަށް ބަލާއިރު ރާއްޖެއަށް ހަމަލަދޭން ވިސްނާ ފަރާތްތައް ދުވަހެއް ދުވަހަށް މަދުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަލީލު ވިދާޅުވި ގޮތުގައި ސިފައިންގެ ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތަކަށް ސިފައިންގެ ބަޖެޓް ބޮޑުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކިބައިން އެކަމަށް އެދިވަޑައިގަންނަވާ ކަމަށާއި ސިފައިންގެ ފަރާތުން ވެސް މަޖިލީހަށް ދޭންޖެހޭ އެއްބާރުލުން ދެމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދިވެހި ސިފައިންގެ މަސައްކަތަށް އެހީތެރިވެވޭނެ ވަރަށް ގިން ގޮތްތައް އޮތްކަން ދިވެހި ސިފައިންނަށް އެނގޭ، 241 ކޮމެޓީގެ ޚިދުމަތްތައް އަޅުގަނޑުމެން ބަލައިގަންނާނަން އެކަމަށް އެހީތެރިވެދޭނަން." ޖަލީލު ވިދާޅުވި އެވެ.