ހަބަރު

މަޖިލީހަށް ބަޖެޓް ހުށަހެޅުން އަންނަ ބުރާސްފަތި ދުވަހު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުން އަންނަ ބުރާސްފަތި ދުވަހަށް އެޖެންޑާ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިއަދުވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެޖެންޑާކުރި ނަމަވެސް ރޭގެ ވަގުތެއްގައި މަޖިލީހުގެ ރައީސް ވަނީ އެ ޖަލްސާ ކެންސަލްކުރިކަން މެންބަރުންނަަށް މެސެޖަކުން އަންގަވައިފަ އެވެ. އަދި ބުރާސްފަތި ދުވަހު ޖަލްސާއެއް ބާއްވަން އެޖެންޑާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ވިދާޅުވީ އެޖެންޑާ ވަރަށް އަވަހަށް އަންގަވާނެ ކަމަށެވެ.

މަޖިލީހުގެ އިދާރާގެ ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި އެ ދުވަހަށް އެޖެންޑާ ކުރުމަށް ހަމަޖެހިފައި އޮތީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މަޖިލީހަށް ވަޑައިގެން ހުށަހެޅުއްވުމެވެ. ބުރާސްފަތި ދުވަހަކީ މަޖިލީހުގެ ޖަލްސާ އާންމުކޮށް ބާއްވާ ދުވަހެއް ނޫނެވެ. މިދިޔަ ހަފްތާ ތެރޭގައި ފިނޭންސް މިނިސްޓްރީ އިން ވަނީ މަޖިލީހަށް ބަޖެޓް ފޮނުވައިފަ އެވެ. އެ ބަޖެޓްގެ އަދަދު 28 ބިލިއަން ރުފިޔާއަށް އަރާ ކަމަށްވެ އެވެ. އެހެން ނަމަވެސް ފިނޭންސް އިން އެކަމާ މެދު އެއްވެސް އެއްޗެއް ނުބުނެ އެވެ.

މި އަހަރުގެ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހެޅީ 26.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން މި އަހަރު ސަރުކާރުން ވަނީ 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ވެސް ހުށަހަޅައި، ފާސްކޮށްފަ އެވެ.