ހަބަރު

ނަޝީދު މާފުށީ ޖަލަށް ބަދަލުކޮށްފި

Apr 27, 2015

ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހިންމަފުށީ އައްސޭރި ޖަލުގައި ހުރި ނަޝީދު މިހާރު ވަނީ މާފުށީ ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓަށް ބަދަލުކޮށްފައި ކަމަށެވެ. ހިންމަފުށީ އައްސޭރި ޖަލުގައި ނަޝީދު ބަހައްޓާފައި ހުރީ ވަގުތީ ގޮތުންނެވެ.

އުމަރު ކުރިން ވިދާޅުވެފައިވާ ގޮތުގައި މާފުށީ ޖަލުގައި ނަޝީދަށް ހާއްސަކޮށްގެން ދަނީ ހާއްސަ ކޮޓަރިއެއް ހަދަމުންނެވެ. އަދި ހިންމަފުށީ ޖަލުގައި ވެސް ނަޝީދު ހުންނެވީ އެޕާޓްމަންޓެއްގައި ކަމަށް އުމަރު ވިދާޅުވެފައިވެ އެވެ. އެ ތަނުގައި ނަޝީދާ އެކު ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޑިފެންްސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރުކަމުގައި ހުންނެވި އަހްމަދު ނާޒިމް ވެސް ހުންނަވަ އެވެ. ނަމަވެސް މުހައްމަދު ނާޒިމް މިހާރު ވަނީ ބޭސްފަރުވާ އަށް ސިންގަޕޫރުގަ އެވެ.

އުމަރު މިރޭ ވިދާޅުވީ މާފުށީ ޖަލުގައި ނަޝީދު ހުންނަވާނީ ވެސް ހާއްސަ އެޕާޓްމަންޓެއްގައި، އެހެން ބައެއް ގައިދީންނާ އެކުގައި ކަމަށެވެ.

ނަޝީދު މާފުށީ ޖަލަށް ބަދަލުކުރި އިރު ހިންމަފުށީ ޖަލު ކައިރީގައި މުޒާހަރާއެއް ކުރަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.