ހަބަރު

ޝަރަފްވެރިކަމުގެ އިނާމު މި އަހަރު ދެ ބޭފުޅަކަށް

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ބާއްވާ ހަފުލާގައި ޝަރަފްވެރިކަމުގެ އިިނާމު ދެ ބޭފުޅަކަށް އަދި ހާއްސަ އިނާމު 24 ފަރާތަކަށް ދޭނެ އެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 25 ބޭފުޅަކަށް ދޭނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް ދެއްވާ ހާއްސަ އިނާމު ލިބޭ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ދަރަޖައިގެ ސަނަދެއް ހާސިލް ކުރުމުން ފާހަގަ ކުރެވޭ ކާމިޔާބެއް ހާސިލް ކުރި ތިން ތިން ބޭފުޅަކާއި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން މަތީވަނަ ވަނަ ހޯއްދަވައިގެން އިނާމު ލިބޭ 20 ބޭފުޅަކުން ވެސް ހިމެނެ އެވެ.

މި އަހަރު ޖުމްހޫރީ ދުވަހާއި ގައުމީ ދުވަސް ކައިރި ކައިރީގައި އަންނާތީ، މި ދެ މުނާސަބަތާ ގުޅުވައިގެން އެއް ޖަލްސާއެއް ބާއްވަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ގައުމީ ދުވަހާއި ޖުމްހޫރީ ދުވަހުގެ މުނާސަބަތުހައި ބާއްވާ މި ޖަލްސާގައި ސަރުކާރުން ކޮންމެ އަހަރަކު ދޭ ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުން އޮންނާނެ އެވެ. އަދި ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ޙާފިޡުކަމުގެ ސަނަދު މި އަހަރު ހާސިލުކުރި ހާފިޒުންނަށާއި، ސާނަވީ އިމްތިހާނުން މުޅި ދުނިޔެ އިން އެއް ވަނަ ހޯދި ދަރިވަރުންނާއި މަތީ ސާނަވީ އިމްތިހާނުން މުޅި ދުނިޔެ އިން އެއް ވަނަ ހޯދި ދަރިވަރުންނަށް ރައީސް ދެއްވާ، މެޑަލް ދެއްވުން ވެސް އޮންނާނެ އެވެ.