ބޮލީވުޑް

މީނާ ކުމާރީގެ ހަޔާތަށް އުފައްދާ ފިލްމު ވިދްޔާ ދޫކޮށްލައިފި

Nov 11, 2017

ދަ ޓްރެޖެޑީ ކުއީންގެ ގޮތުގައި ބެލުންތެރިންގެ މެދުގައި މަޝްހޫރު ވެގެން ގޮސްފައިވާ ކުރީގެ ބަތަލާ މީނާ ކުމާރީގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފެއްދުމުގެ ވާހަކަތައް ދައްކަމުން އަންނަތާ އެތަކެއް އަހަރެއް ވެއްޖެ އެވެ.

މީނާގެ ރޯލު ކުޅެން މަޝްހޫރު އެތަކެއް ބަތަލާއިންނަށް ވަނީ ހުށަހަޅާފަ އެވެ. އޭގެތެރޭގައި ކަންގަނާ ރަނާވަތާއި ޕްރިޔަންކާ ޗޯޕްޅާ ހިމެނެ އެވެ. އެ ދެތަރިންގެ ފަހުން އެ ފިލްމު ކުޅެން ދެން ހުށަހެޅި ބަތަލާ އަކީ ވިދްޔާ ބާލަން އެވެ.

"ދަ ޑާޓީ ޕިކްޗާ" ގައި ކުރީގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ ސިލްކް ސުމީތާގެ ރޯލު ކުޅެ، ބެލުންތެރިން އާޝޯހުކޮށްލާފައިވާ ވިދްޔާ، މީނަ ކުމާރީގެ ބައޮޕިކް ކުޅެން އެއްބަސްވި ނަމަވެސް އެ ފިލްމު ދޫކޮށްލައިފި އެވެ.

އެ ފިލްމު ދޫކޮށްލިކަން ވިދްޔާ ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. ވިދްޔާ ވަނީ އޭނާ އަކީ މީނާ ކުމާރީގެ ވަރަށް ބޮޑު ފޭނެއް ނަމަވެސް ފިލްމުގެ ތައްޔާރީތައް ދިޔަ ގޮތާ މެދު ހިތްހަމަނުޖެހިގެން ފިލްމު ނުކުޅެ ދޫކޮށްލާފައިވާ ކަމަށެވެ.

"މީނާ ކުމާރީ ދުނިޔޭގައި ހުރިނަމަ އަހަރެން އޭނާ ދެކެން އަބަދުވެސް ދާނަން، އެހާވެސް އޭނާގެ އެކްޓިންއާ ހެދި އަހަރެން އޭނާއާ މެދު ގަޔާވޭ. މީނާގެ ގެ ރޯލު ކުޅެން އަބަދުވެސް ވެސް ބޭނުންވެސްވި،" ވިދްޔ ބުނެފައިވެ އެވެ.

މީނާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ދޫކޮށްލުމާ ގުޅޭގޮތުން ވާހަކަދައްކަމުން ވިދްޔާ ވަނީ ފިލްމުގެ ސްކްރިޕްޓްގައި އޭނާ ހަޔާތުގެ މުހިންމު ހުރިހާ ކަންތައްތަކެއް ނުހިމެނޭ ކަމަށެވެ. އަދި އޭނާގެ ހަޔާތުގައި ހިނގާ ދިޔަ ހުރިހާ ގޯސް ކަންތައްތައް ފިލްމުގައި ދައްކައި، ބެލުންތެރިންގެ ސަމާލުކަން ހޯދަމް އުޅޭތީ އޭނާ ހިތްހަމަނުޖެހުނީ ކަމަށް ބުނެފަ އެވެ.

ވިދްޔާ ވަނީ މީނާގެ ހަޔާތުގެ ވާހަކަ ގެނެސްދޭން ޖެހޭނީ އޭނާ މަޝްހޫރު ތަރިއަކަށްވެ، ޒަވާޖީ ހަޔާތުގައި ޖެހުނު މައްސަލަތަކެއްގައި ރަލަށް ދެވި ހިވި އަންހެނެއްގެ ގޮތުގައި ނޫން ކަމަށާއި މީނާ އަކީ ހިންދީ ސިނަމާ އަށް އަގުނުކުރެވޭ ވަރުގެ މަސައްކަތް ކޮށްދީފައިވާ މޮޅު ބަތަލާ އެއް ކަމަށެވެ. އެހެންކަމުން އޭނާ މަޝްހޫރުވި ގޮތުން ފެށިގެން މަރުވި ހިސާބަށް ހުރިހާ ވާހަކައެއް ފިލްމުގައި ހިމެނެން ޖެހޭނެ ކަމަށެވެ.

''ޗޯޓީ ބަހޫ'' އަދި ''ސާހިބް ބީބީ އައުރު ގުލާމް'' ފަދަ ފިލްމުތަކުން މަޝްހޫރުވި މީނާ ކުމާރީ އަކީ ހިންދީ ސިނަމާގެ ކުޅަދާނަ ބަތަލާއިންގެ ގޮތުގަ ބެލެވިފަވާ ފަންނާނެއް އަދި ޝާއިރެއްވެސް މެއެވެ. ފުރަމޭ އަށް ޖެހުނު ބައްޔެއްގައި ފަރުވާ ހޯދައި ރަނގަޅުވީ ފަހުން ހާލު ގޯސްވެ މީނާ ކުމާރީ ދުނިޔެ ދޫކޮށްފަވަނީ އޭނާގެ އުމުރުން 39 އަހަރުގަ 1972 ވަނަ އަހަރު އެވެ.

މީނާ ކުމާރީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ޑައިރެކްޓް ކުރުމަށް ހަމަޖެހިފަވަނީ ޓިގްމަންޝޫ ދުލިއާ އެވެ.