ލައިފްސްޓައިލް

މާ އަވަސް އަރުވާލައިގެން ހިކެން ނޫޅޭތި!

Nov 12, 2017
1

ދިމާއަށް މީހުން ފަލައޭ ބުނާ އަޑު އަހާ ވަރުބަލި ވެއެވެ. އެކަމަކު މީހުންގެ ދުލަކު ނުހިފެހެއްޓޭނެ އެވެ. އެހެން ނަމަވެސް އެ ފުރުސަތު ނުދޭން މަސައްކަތް ކުރެވިދާނެ ނޫންހެއްޔެވެ؟ ބަރުދަން ލުއިކޮށްލާ މީހާ ލޫޅާފަތި ވެވިދާނެ އެވެ. މި އަޒުމުގައި ހިކެން ޑައިޓު ޖައްސާ މަދު ދުވަސް ކޮޅެއްގެ ތެރޭގައި ބަރުދަން ލުއިކޮށްލަ އެވެ. ނުވަތަ އެ ޑައިޓެއް ފަށާތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ހުއްޓާލެވެ އެވެ.

ކީއްވެކަން އެނގޭ ހެއްޔެވެ؟ މާ އަވަސް އަރުވާލައިގެން އުޅުމެވެ. ކުއްލިއަކަށް ކާ މިންވަރު މަދުކޮށްލައި ހަށިގަނޑަށް މުހިންމު ބައެއް މާއްދާތައް ލިބޭ މިންވަރު ވަރަށް ބޮޑަށް މަދުވެ އެވެ. އެހެން ވުމުގެ ސަބަބުން ހަށިގަނޑުގެ މަސްތަކުގެ ބާރު ދެރަވެ މެޓަބޮލިޒަމް ލެވެލް ވެސް ކުއްލިއަކަށް ދަށްކޮށްލަ އެވެ.

އެހެން ނަަމަވެސް މަޑުމަޑުން ކެތްތެރިކަމާއެކު ބަރުދަން ދަށް ކުރަން މަސައްކަތް ކުރަން ފެށުމުން ސިކުނޑިއަށް ވެސް އެކަމަށް ހޭނެން ވަގުތު ނަގާ، ދިރިއުޅުމަށް އަލަށް ގެނައި ބަދަލަށް ހަށިގަނޑު ސެޓް ކުރަން ފަސޭހަވެ އެވެ. މި ދުވަސްވަރު ދުޅަހެޔޮ ބެލެންސް ޑައިޓެއް ބޭނުންކުރުމަށް ވިސްނަންވާނެ އެވެ.

މޭވާ އާއި ތަރުކާރީ، ކޮމްޕްލެކްސް ކާބޯހައިޑްރޭޓްގެ ބަދަލުގައި ސިމްޕަލް ކާބޯހައިޑްރޭޓް އަދި ހަކުރު ބޭނުންކުރާ މިންވަރު މަދުކުރަންވާނެ އެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އެންމެ ގިނަ ވެގެން ހަފްތާއަކު ލުއި ކުރަން ވާނީ ދެ ރާތާ އެވެ. އެއަށްވުރެ މަތިން ބަރުދަށް ދަށްވާނަމަ އެއީ ސިއްހަތަށް ނުރަނގަޅު މެސެޖެކެވެ.

އެއްވެސް ވަރަކަށް ދުޅަހެޔޮ ކާނާއަށް އިސް ކަމެއް ނުދީ ހަމައެކަނި ބަރުދަން ލުއި ކުރަން މަސައްކަތް ކޮށްގެން ހަށިގަނޑުން ދާނީ ހަމައެކަނި ހަށިގަނޑުގައި ހުންނަ ފެން ކަމަށްވެ އެވެ. އަނބުރާ ކުރީގެ ބަރުދަނަށް ރުޖޫއަވަނީ ވެސް އެހެންވެ އެވެ.

ބަރުދަން ލުއި ކުރަން ހާއްސަ ޑައިޓެއް ފަށައިގެން އުޅޭއިރު އެކަށީގެންވާ ވަރަކަށް ނިދާ ހަށިގަނޑަށް ބޭނުންވާ އަރާމު ހޯދައިދޭން ވާނެ އެވެ. ހަށިގަނޑުގައި ހުންނަ ވަރުބަލިކަން ނުފިލާނަމަ އެއީ ސިއްހަތަށް ގެއްލުން ހުރި ކަމެކެވެ. ނިދި ހަމަނުވުމަކީ ބަނޑުހައިވާ ކަމެއްވެސް މެއެވެ.