ލައިފްސްޓައިލް

ނަޓެއްލާގެ އާ ރެސިޕީ ކަމަކު ނުދިޔަ!

ނަޓެއްލާ އަކީ ދިވެހިންގެ މެދުގައި ވެސް މަގުބޫލު އެއްޗެކެވެ. ހެނދުނުގެ ނާސްތާއަށް ޕާނާއެކު ނަޓެއްލާ ބޭނުން ކުރުމަކީ ގިނަ ދިވެހިންނަށް އެންމެ ރަނގަޅު ނާސްތާއަށް ވަނީ ވެފަ އެވެ. ބުރަ ދިރިއުޅުމުގައި ހެނދުނު ގަޑިއަށް ފަސޭހަ އަދި މީރު ނާސްތާއަކަށް ވެސް ވީއެވެ.

ނަޓެއްލާ އުފައްދާ ކުންފުނިން މި ފަހުން މިވަނީ އޭގެ ރެސިޕީ ބަދަލުކޮށްލައި ފޭނުންނާ ހިއްސާކޮށްލާފަ އެވެ. އެހެން ނަމަވެސް މި ބަދަލު ނަޓެއްލާގެ ފޭނުންނަށް ކަމުދިޔަ ބަދަލަކަށް ނުވި އެވެ. އޭގެ ބަދަލުގައި ގިނަ މީހުން ދިޔައީ ނުރުހުން ފާޅު ކުރަމުންނެވެ.

ހެމްބާގް ކޮންސިޔުމާ ޕްރޮޓެކްޝަން ސެންޓަރުން އެމީހުންގެ ފޭސްބުކް ޕޭޖުގައި ނަޓެއްލާގެ އާ ރެސިޕީ ހިއްސާކުރަމުން ބުނެފައިވަނީ ހަކުރާއި ހިކިކިރު އަޅާ މިންވަރު އިތުރު ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ނަޓެއްލާގައި ހަކުރު ހުންނަ މިންވަރު 55.9 ޕަސަންޓުން 56.3 ޕަސަންޓަށް އިތުރު ކޮށްފައިވާނެ ކަމަށެވެ. އަދި ކިރު ހިމެނޭ މިންވަރު 7.5 ޕަސަންޓުން 8.7 ޕަސަންޓަށް އިތުރު ކޮށްފައިވާ ކަމަށެވެ.

އެ ކުންފުނިން އިތުރަށް ބުނެފައިވަނީ ނަޓެއްލާގެ ކުލަ މިހާރު ކުރިއަށްވުރެ މަޑުވާނެ ކަމަށެވެ. އަދި ކިރު ހިމެނޭ މިންވަރު އިތުރު ކުރީ އޭގައި ކޮކޯ ހިމެނޭ މިންވަރު މަދުކުރަން ކަމަށެވެ. އެހެން ނަަމަވެސް ރަހައަށް މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ.

ނަޓެއްލާގައި ހަކުރު ހުންނަ މިންވަރު އިތުރުކުރި އިރު ކާބޯތަކެތި އުފައްދާ އެހެން ކުންފުނިތަކުން ދަނީ އެތަކެތީގައި ހަކުރު ހުންނަ މިންވަރު ދަށް ކުރަން މަސައްކަތް ކުރަމުންނެވެ.

ނަޓެއްލާގެ އާ ރެސިޕީ އިއުލާނު ކުރުމާއެކު ގިނަ ބަޔަކު އަންނަނީ އެއަށް ފާޑު ކިޔަމުންނެވެ. އަދި ކުރީގެ ރެސިޕީ އަލުން ބޭނުންކަމަށްބުނެ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރަމުންނެވެ.