ވިޔަފާރި

އެމްއޭސީއެލް މުވައްޒަފުންނަށް ފްލެޓު އަޅައިދެނީ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ފްލެޓު އަޅައިދޭން ނިންމައިިފި އެވެ.

އެމްއޭސީއެލް މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ދޭ "އެމްޑީ އެވޯޑު" ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމަށް ބޯޑުން ނިންމާއި، މިހާރު ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. މިގޮތުން މި މަސައްކަތް އަންނަ އަހަރު ނިމުމުގެ ކުރިން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތައް ސަތޭކަ މުއައްޒަފުންނަށް މިކަމުން ފައިދާ ލިބޭނެ. މިކަމަކީ މުއަޒަފުންނަށް ކުންފުނީގެ ފަރާތުން ކޮށްދޭ ވަރަށް މުހިއްމު ކަމެއް،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަމުގެ ތަފުސީލް ހާމަ ކުރަމުން ގެންދާނެ ކަމަށެވެ.

ރާއްޖޭގެ މައި އެއާޕޯޓް ބަލަހައްޓާ ކުންފުނީގައި 2700 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އަދި މީގެ ބޮޑު ބަޔަކީ ދިވެހިންނެވެ. އެ ކުންފުނިންޏަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ކުންފުންޏެވެ.