ވިޔަފާރި

ޑޮލަރުން އާމްދަނީގެ ގޮތުގައި 153 މިލިއަން ޑޮލަރު ލިބިއްޖެ

Apr 28, 2015

މި އަހަރުގެ ފުރަތަމަ ކުއާޓާ (ފުރަތަމަ ތިން މަސް ދުވަހު) ޑޮލަރުން 153 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި 153 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށާއި ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 107 މިލިއަން ޑޮލަރު ކަމަށެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 63 ޕަސެންޓުގެ ކުރިއެރުމެކެވެ.

މީރާއިން ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޓީޖީއެސްޓީގެ ގޮތުގައި 83 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށާއި ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 58 މިލިއަން ޑޮލަރު ކަމަށެވެ.

ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުން ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 21 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބިފައިވަނީ 16 މިލިއަން ޑޮލަރެވެ.

ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، މި ކުއާޓާގައި ލިބުނު ޖުމްލަ އާމްދަނީވެސް ވަނީ އިތުރުވެފަ އެވެ. މި އަހަރު ފުރަތަމަ ކުއާޓާގައި 3.72 ބިލިއަން ރުފިޔާ ދައުލަތައް ލިބިފައިވެ އެވެ.