ލަންޑަން (ޑިސެމްބަރު 18) – އިނގިރޭސި ލީގު ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ދެވަނަ ޑިވިޝަންގެ ބޯންމައުތު އަތުން 3-1 އިން މޮޅުވ ލިވަޕޫލް މުބާރާތުގެ ސެމީ ފައިނަލް އިން ޖާގަ ހޯދިއިރު، ސެމީގައި އެ ޓީމާ ދެކޮޅަށް ނުކުންނާނީ ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ޗެލްސީ އެވެ.
ބޯންމައުތުގެ ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލްގެ ރަހީމް ސްޓާލިން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މިއީ ސެޕްޓެމްބަރު މަހުގެ ފަހުން ސްޓާލިން ލިވަޕޫލަށް ލަނޑެއް ޖެހި ފުރަތަމަ ފަހަރެވެ. މި މެޗުގައި ލިވަޕޫލްގެ ލަޒާރް މާކޮވިޗް ވެސް ވަނީ ލަނޑު ޖަހައިފަ އެވެ. މި މެޗުގައި ބޯންމައުތަށް ލަނޑު ޖަހައިދިނީ ޑޭން ގޮސްލިންގެވެ.
މި މެޗުން މޮޅުވުމަކީ ލިވަޕޫލަށް ލިބޭނެ ފިނިކަމެކެވެ. އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ލިވަޕޫލް މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ. ލީގުގައި އާދިއްތަ ދުވަހު އާސެނަލްއާ ދެކޮޅަށް ނުކުންނައިރު، ލިވަޕޫލަށް މި މެޗުގެ ނަތީޖާތާއެކު އިތުރު ހިތްހަމަޖެހުމެއް ވަނީ ލިބިފަ އެވެ.
ސެމީގައި ލިވަޕޫލްއާ ދެކޮޅަށް ނުކުންނަ ޗެލްސީއާ އެންމެ ފަހުން ކުރިމަތިލި މެޗުގައި، ލިވަޕޫލް ވަނީ އަމިއްލަ ދަނޑުގައި ޗެލްސީ އަތުން މިދިޔަ މަހު ބަލިވެފަ އެވެ. ދެ ލެގަށް ކުޅޭ ސެމީ ފައިނަލް އޮންނާނީ އަންނަ މަހު އެވެ.
ބޯންމައުތު އަތުން މޮޅުވި މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ ސެމީ ފައިނަލްގައި ކުރިމަތިލާންޖެހޭނެ ޓީމަކާމެދު ނުވިސްނާ ކަމަށެވެ.
"މުހިންމީ އިދިކޮޅަށް ނުކުންނަ ޓީމެއް ނޫން. މުހިންމީ ސެމީގެ ޖާގަ ހޯދުން. މި މުބާރާތް ކާމިޔާބުކުރަން ބޭނުންވެއްޖެ ނަމަ، ބޮޑެތި ޓީމުތައް ބަލިކުރަންޖެހޭނެ،" ރޮޖާސް ބުންޏެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 4-0 އިން މޮޅުވެ، ޓޮޓެންހަމް ހޮޓްސްޕާ ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ސެމީގައި ޓޮޓެންހަމްއަ ދެކޮޅަށް ނުކުންނާނީ ޝެފީލްޑް ޔުނައިޓެޑެވެ. -- ބީބީސީ