ވިޔަފާރި

ލަފާކުރި ވަރަށްވުރެ އާމްދަނީ 10.4 ޕަސެންޓް ދަށަށް

މި އަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ ކުރިން ލަފާކުރި ވަރަށްވުރެ، 10.4 ޕަސެންޓް ދަށްވެއްޖެ އެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް، ދައުލަތަށް ލިބުނު އާމްދަނީ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ޖުމުލަ ލިބުނީ 989 މިލިއަން ރުފިޔާ އެވެ.

ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި 1.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 10.4 ޕަސެންޓް ދަށްވުމެކެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މި ކްއާޓަރުގައި ޖީއެސްޓީން އާމްދަނީގެ ގޮތުގައި 473 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ބީޕީޓީން 67 މިލިއަން ރުފިޔާ ލިބުނުއިރު، ގްރީން ޓެކުހުގެ ގޮތުގައި 55 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ރެމިޓަން ޓެކުހުން ނުވަ މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ޑިވްލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި 47 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މި މުއްދަތުގެ ތެރޭގައި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 216 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 346 މިލިއަން ރުފިޔާ އެވެ.

ސެޕްޓެމްބަރު މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބުނީ 43 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި 51 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.