ވިޔަފާރި

އޭޕްރޮން ބޮޑު ކުރަން އަނެއްކާ މަޝްރޫއެއް

  • މި ފަހަރު ބޮޑު ކުރަނީ އިރު ދެކުނަށް
  • ކުރިން ވެސް އޭޕްރޮން ފުޅާކޮށްފައިވޭ
  • ޖާގަ އިތުރަށް ބޮޑު ވެގެން އަންނާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އިރުދެކުނު ފަރާތުގެ އޭޕްރޮން ބޮޑު ކުރުމުގެ މަސައްކަތް ފަށަން
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ތައްޔާރު ވެއްޖެ އެވެ.

ވީއައިއޭ ހިންގާ، އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ އޭޕްރޮން ބޮޑު ކުރުމުގެ މަސައްކަތް ވެސް ފަށަން ތައްޔާރު ވަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މި އޭޕްރަން ބޮޑު ކުރަނީ ވައިޑް ބޮޑީ ހަތް އެއާ ކްރާފްޓް އެއް ފަހަރާ ޕާކް ކުރެވޭ ވަރުގެ ޖާގަ އޮންނަ ގޮތަށް ކަމަށެވެ.

ނަމަވެސް، މި މަޝްރޫއާ ބެހޭ ގޮތުން އިތުރު ތަފުސީލެއް އެމްއޭސީއެލް އިން އަދި ނުދެ އެވެ.

އެމްއޭސީއެލް އިން ވަނީ 2015 ވަނަ އަހަރު ބޮޑު ބަދަލަކާއެކު އާ އޭޕްރޮން އެއް ހުޅުވައިފަ އެވެ. މި އޭޕްރޮންގައި 25 ޖެޓް އެއާ ކްރާފްޓާއި ހަތަރު ވައިޑް ބޮޑީ އެއާ ކްރާފްޓުގެ އިތުރުން އޭ-ތްރީ 20 ގެ ހަތް ބޯޓު ޕާކް ކުރެވެ އެވެ. މި މަޝްރޫ ކުރި އަށް ގެންދިޔައީ އެމްއޭސީއެލްގެ ބަޖެޓުންނެވެ.

ސަރުކާރުން ވަނީ ވީއައިއޭ ތަރައްގީ ކުރުމަށް ބިޔަ މަޝްރޫއެއް ވެސް ފަށާފަ އެވެ. މި މަޝްރޫއުގެ އަގު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ބުނެފައިވެ އެވެ. މި މަޝްރޫއުގެ ދަށުން މުޅިންއާ ޕެސެންޖަރު ޓާމިނަލަކާއި އާ ރަންވޭ އަދި ކާގޯ ޓާމިނަލްގެ އިތުރުން ތެޔޮ ރައްކާ ކުރާނެ ވަސީލަތްތައް ގާއިމް ކުރާނެ އެވެ. މިގޮތުން އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަނީ ސައޫދީ ބިންލާދިން ގްރޫޕުން 300 މިލިއަން ޑޮލަރަށެވެ. ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގައި އަޅާ މިތަން ތަރައްގީ ކުރަނީ ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.

އާ އިންޓަނޭޝަނަލް ޓާމިނަލް

* ޓާމިނަލްގައި 40 ޑީޕާޗާ ގޭޓް
* 38 އިމިގްރޭޝަން ކައުންޓަރު
* ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
* ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
* ޒަމާނީ ބެގޭޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
* ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
* ފިއުލް ހައިޑްރެންޓް ސިސްޓަމް

ވީއައިއޭގައި އަޅާ އާ ރަންވޭގެ މަސައްކަތް ކުރަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ. އާ ރަންވޭ އަށް 400 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އަދި މީގެތެރެއިން 373 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވަނީ ޗައިނާގެ ލޯނު އެހީގެ ދަށުންނެވެ. މި މަސައްކަތް ކުރަނީ ގަލްފް ކޮބްލާ ކުންފުނިންނެވެ. އާ ރަންވޭ ވެސް މިހާރު ވަނީ ތާރު އެޅުމުގެ މަސައްކަތް ފަށާނެ އެވެ. މި މަސައްކަތާއެކު އެއާޕޯޓު އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.