ވިޔަފާރި

ރާއްޖޭގެ މުހިންމު މާކެޓުތައް ރަނގަޅުވެ، ޓޫރިޒަމަށް ދިރުން ލިބެން ފަށައިފި

Apr 28, 2015
1

ރާއްޖޭގެ ޒަމާންވީ މުހިންމު މާކެޓުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ޓޫރިޒަމަށް ދިރުން ލިބެން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ޓޫރިޒަމް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި ހިމެނޭ މުހިންމު ގައުމުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ރާއްޖޭގެ ޓޫރިޒަމްގެ 26 ޕަސެންޓް ހިއްސާކުރާ ޗައިނާ އިން މިދިޔަ އަހަރުގެ މާޗު މަހު 23،705 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރި ނަމަވެސް، މި އަހަރުގެ މާޗު މަހު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 25،069 އަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 5.8 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ މާޗް މަހު އިނގިރޭސި ވިލާތުން ރާއްޖެއަށް 8،674 ޓޫރިސްޓުން އައިސްފައިވާއިރު، މި އަހަރުގެ މާޗު މަހު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 9،256 އަށް އިތުރުވެފަ އެވެ. މިއީ 6.7 ޕަސެންޓުގެ ކުރިއެރުމެކެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެ ޒަމާންވީ "މުސްކުޅި" މާކެޓު ކަމަށްވާ އިޓަލީން މިދިޔަ އަހަރުގެ މާޗު މަހު 7،953 ޓޫރިސްޓުން އައި ނަމަވެސް މި އަހަރުގެ މާޗު މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ 9،725 އަށް އިތުރުވެފަ އެވެ. މިއީ 22.3 ޕަސެންޓުގެ ކުރިއެރުމެކެވެ. މީގެ އިތުރުން ޖަރުމަނުވިލާތުން މިދިޔަ އަހަރުގެ މާޗު މަހު 9،973 ޓޫރިސްޓުން އައި ނަމަވެސް މިދިޔަ މި މާކެޓުން މި އަހަރުގެ މާޗު މަހު 12،203 މީހުން އައިސްފައިވެ އެވެ. މިއީ 22.4 ޕަސެންޓުގެ ކުރިއެރުމެކެވެ.

ބައެއް މާކެޓުތަކުން ދިރުން ލިބެމުން އައިނަމަވެސް އިގްތިސާދީ ގޮތުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ރަޝިޔާ އިން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފަ އެވެ. އެ ގައުމުން މިދިޔަ އަހަރުގެ މާޗު މަހު 7،121 ޓޫރިސްޓުން އައިސްފައިވާއިރު، މި އަހަރުގެ މާޗު މަހު އައިސްފައިވަނީ 4،048 ޓޫރިސްޓުންނެވެ. މިއީ 43 ޕަސެންޓުގެ ދަށްވުމެވެ. އަދި ފްރާންސުން މިދިޔަ އަހަރު 7،602 ޓޫރިސްޓުން އައިނަމަވެސް މި އަހަރުގެ މާޗު މަހު އައިސްފައިވަނީ 5،272 ޓޫރިސްޓުންނެވެ. މިއީ 30.6 ޕަސެންޓުގެ ދަށްވުމެކެވެ.