މިއުޒިކް

މަނިކް އާޓްސްގެ އާ ލަވަ "ގެއްލިފާ"

Nov 13, 2017
7

ދިވެހި ރީތި ލަވަތައް އާންމުންނާ ހަމައަށް އައުން މަދުވެފައިވާ މި ދުވަސްވަރު ވެސް ރީތި ދިވެހި ލަވަތަކެއް ގެންނަން އެންމެ ގިނައިން މަސައްކަތް ކުރާ އެއް ފަރާތް ކަމަށްވާ މަނިކު އާޓްސް އިން އަނެއްކާވެސް މިވަނީ މުޅިން އާ ލަވައެއް ރިލީޒްކޮށްފަ އެވެ. މިިދިޔަ ހަފްތާގެ ތެރޭގައި ރިލީޒްކުރި އެ ލަވައަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

އަމިއްލަ ރާގުގެ އެލަވައިން ފިލްމީ ދާއިރާއަށް މުޅިން އާ ތަރިންތަކެއް ވަނީ ތައާރަފްވެފަ އެވެ. އެ ތަރިންނަކީ އަބްދުﷲ ވަހީދު (އަބުޅޯ)، ނާޖިހާ އަދި ނަދީހު (ޗަންނަ) އެވެ.

އަމިއްލަ ރާގަކަށް އެ ލަވަ ހަދައި، ކިޔާފައިވަނީ އަބްދުﷲ ޝާފިއު (ޝާ) އެވެ. ލަވައިގެ މިއުޒިކް ވެސް ހަދާފައިވަނީ ޝާ އެވެ. "ގެއްލިފާ" ގެ މަންޒަރުތައް ނަގާފައިވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓާއި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގަ އެވެ. އެ ލަވަ ޓީވީ ޗެނަލްތަކުން ދައްކަން ވަނީ ނިންމާފަ އެވެ.

މަނިކަކީ ފިލްމީ ދާއިރާއަށް އަލަށް ކުދިން ވެއްދުމަށް މަސައްކަތްކުރާ ފަރާތެކެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް މިހާތަނަށް ހަތް ލަވަ ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި "އަންނާށޭ ލޯބީގާ" އަދި "އަސްލު އަތުގާ ބީހިލާ" ހިމެނެ އެވެ.

މަނިކު އާޓްސް އިން ބުނީ "ގެއްލިފާ" އަކީ މިހާތަނަށް ގެނެސްދީފައިވާ ލަވަތަކާއި ބަލާއިރު ތަފާތު ލަވައަކަށް ވާނެ ކަމަށެވެ.