ހަބަރު

ކުޅުދުއްފުށީ ކައުންސިލުން ދެއްކި ނަމޫނާއަށް ސާބަސް!

ކައުންސިލްތަކުގައި ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން ސަރުކާރަށް ޖެއްސުންކޮށް، ތަރައްގީއަށް ހުރަސްއަޅާ ވާހަކައަކީ އޮންނަ ވާހަކަ އެކެވެ. އެމްޑީޕީގެ ސަރުކާރެއް އޮތް އިރު އޭރު އިދިކޮޅުގައި އޮތް ޕާޓީ، ޑީއާރްޕީއަށް ނިސްބަތްވާ ކައުންސިލަރުންގެ ދުއްރާތައްވެސް އެ ސަރުކާރަށް ޖެހުނެވެ.

ނަމަވެސް އިއްޔެ، އެމްޑީޕީގެ ކައުންސިލަރުންތަކެއް ވަނީ އެއީ އަދި މުޅީން ހަގީގަތް ނޫންކަން ހާމަކޮށްދެއްވާފަ އެވެ. އުތުރުގެ ހދ. ކުޅުދުއްފުށީގައި އޮންނަނީ މުޅިން ވެސް އިދިކޮޅު، އެމްޑީޕީގެ ކައުންސިލަރުން ތިއްބަވާ ކައުންސިލެކެވެ. އެ ކައުންސިލުގެ ފަސް މެންބަރުން އިއްޔެ ދެއްކެއްވީ ނަމޫނާ މިސާލެކެވެ. އެއީ ފާހަގަނުކޮށް ދޫކޮށްލައިގެން ވާނެ ކަމެއް ނޫނެވެ.

ކުޅުދުއްފުށީގައި އެމްޑީޕީގެ ކައުންސިލެއް އޮތް ނަމަވެސް ސަރުކާރުގައި އޮތީ ޕީޕީއެމެވެ. ކުޅުދުއްފުށީގެ ބޮޑު ޕަސެންޓެއްގެ ރައްޔިތުންގެ ބޭނުން ވަނީ އެ ރަށުގައި އެއާޕޯޓް އަޅާށެވެ. ރަށުގެ ކުޅި ނައްތާލައިގެން ކަމަށް ވިޔަސް އެ މީހުންގެ މައްސަލައެއް ނެތެވެ. ރަށުގެ ރައްޔިތުންގެ ވިންދުތަކާއި ޖަޒުބާތު ގުޅިފައިވަނީ އެއާޕޯޓާއެވެ.

އިއްޔެ ރައީސް އަބްދުﷲ ޔާމީން ވަނީ އެމަނިކުފާނު ކުޅުދުއްފުށީ ރައްޔިތުންނަށް ވެވަޑައިގެންނެވި އެ ވައުދު ފުއްދެވުމަށް ފުރަތަމަ ފިޔަވަޅު އަޅުއްވައި އެ ރަށަށް ވަޑައިގެންފަ އެވެ. ގިނަ ރައްޔިތުންނާއެކު ބޮޑު ޖަލްސާއެއް ބާއްވައި، އެއާޕޯޓަށް ބިން ހިއްކުމުގެ މަޝްރޫއު ވަނީ ފައްޓަވައިދެއްވާފަ އެވެ. އެ ޖަލްސާއިން އެންމެ ފާހަގަވީ ޕީޕީއެމްގެ ފިޔާތޮށި ކުލައިން ޒީނަތްވެފައިވާ އެ ތަނުގެ ކުރީ ސަފުން އެމްޑީޕީގެ ރީނދޫ ކުލަ ފެނިގެން ދިޔުމެވެ. ބަރިއަކަށް ރީނދޫ ކުލަ ޓައީ އަޅުއްވައިގެން ތިއްބެވީ އެމްޑީޕީއަށް ނިސްބަތްވާ ރަށުގެ ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންނެވެ.

މިނޫނިއްޔާ ގާތްގަނޑަކަށް ހުރިހާ ރަށްރަށުގައި އެމްޑީޕީ ކައުންސިލަރުން މިފަދަ ޖަލްސާތައް ބޮއިކޮޓް ކުރައްވަ އެވެ. އެފަދަ ތަނަކަށް ވަޑައިގަންނަވާ ކަށް ބޭނުންފުޅެއް ނުވެއެވެ. ނަމަވެސް ރައްޔިތުންނާއި ރަށަށްޓަކައި އިއްޔެ ކުޅުދުއްފުށީގެ ކައުންސިލަރުން ވަނީ އެ ނަމޫނާ ދައްކަވާފަ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ވިދާޅުވި ގޮތުގައި ސަރުކާރުން ކުޅުދުއްފުށީގެ ތަރައްގީއަށް ކުރާ ކޮންމެ ކަމެއްގައި ވެސް އެ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ އެވެ. ރަށު ކައުންސިލާއި އަތޮޅު ކައުންސިލަކީ ވެސް ރަށާއި އަތޮޅުގެ ތަރައްގީއަށް ލޯބިކުރާ ކައުންސިލެކެވެ.

"ޕާޓީގެ ފިކުރުގެ ސަބަބުން ރަށުގެ ތަރައްގީއަށް ހުރަސް ނޭޅޭނެކަން ރައްޔިތުންނަށް ރަމްޒީ ގޮތުން ސާބިތުކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން އިއްޔެ ޖަލްސާއަށް ދިޔައީ،" އަބްދުލް ލަތީފް ވިދާޅުވި އެވެ.

މިކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިޙާން ވެސް ވަނީ ތައުރީފު ކުރައްވާފަ އެވެ. ނިހާން ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ކައުންސިލަރުން އެމްޑީޕީ ރަމްޒުކޮށް ދެއްވައިގެން ޖަލްސާއަށް ހާޒިރުވަޑައިގެންނެވުމުން އެނގިގެން ދިޔައީ ޕާޓީއަށްވުރެ ރަށު ތަރައްގީ މުހިންމުކަމެވެ.

ކުޅުދުއްފުށީ ކައުންސިލަރުން ނިސްބަތްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ކުޅުދުއްފުށީ އެއާޕޯޓާ ދެކޮޅަށް އަޑު އުފުއްލަވާ ބޭފުޅެކެވެ. ނަޝީދު ވިދާޅުވާ ގޮތުގައި ކުޅުދުއްފުއްޓަށް އެއާޕޯޓެއް ބޭނުމެއް ނުވެ އެވެ. ބޭނުން ވަނީ ހަނިމާދޫއާ ދެމެދު ރަނގަޅު ފެރީގެ ނިޒާމެކެވެ. ނަމަވެސް އެއީ އެ ރަށުގެ ބޮޑު އާބާދީއެއް ބޭނުންވާ ގޮތެއް ނޫނެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ، އެއާޕޯޓް ކޮންމެ ގޮތެއް ވިޔަސް ކުޅުދުއްފުއްޓަށް ބޭނުންވާ ކަމަށާއި އެއަށް ދެކޮޅު ހަދާ ރައްޔިތަކާ ދިމާނުވާ ކަމަށެވެ. އެއާޕޯޓް ބޭނުންނުވާ ވާހަކަ ދައްކަވަނީ ރަށަށް ވަޑައިނުގަންނަވާ ރަށުގެ ގޮތް ނޭނގޭ ބޭފުޅުން ކަމަށް ވެސް ވިދާޅުވި އެވެ.

ކައުންސިލަރުންނަށް އިޝާރަތް ކުރައްވާ ނަޝީދު ވިދާޅުވި ގޮތުގައި ކައުންސިލަރުން ޖަލްސާގެ ކުރީ ސަފުން ފެނުމުން އޭނާއުފާ ކުރެއްވި އެެވެ.